އިންޑިއާގެ ކެރެލާއިން ނުރައްކާތެރި ޒިކާ ވައިރަސް ފެނި މުޅި ސްޓޭޓު ސަމާލުކަމަށް ގެނަސްފި އެވެ.
ދެކުނު ކެރެލާއިން ޒިކާ ވައިރަސް ކަމަށް ބެލެވޭ 13 ކޭސްއެއް ފެނިފައިވާކަން އެސްޓޭޓުގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވަނީ އިއްޔެ ކަށަވަރުކޮށްދެއްވައިފަ އެވެ. މިއާއެކު މުޅި ސްޓޭޓު ސަމާލުކަމަށް ގެނަސްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޒިކާ ވައިރަސްއަކީ އާންމުކޮށް މާބަނޑު މީހުންނަށް ޖެހޭ ނުރައްކާތެރި ވައިރަސްއެކެވެ. މި ވައިރަސްގެ ސަބަބުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އެގޮތުން ދަރިފުޅުގެ ސިކުނޑިއަށް އޭގެ އަސަރުކޮށް އެކި ކަހަލަ ނުކުޅެދުންތެރިކަމާއި ކުއްޖާ ކުރިމަތިލާން ޖެހެ އެވެ. މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. އެހެންނަމަވެސް މިއީ ބޭހެއް ނުވަތަ ވެކްސިނެއްވެސް މިހާތަނަށް ހޯދިފައި ނުވާ ވައިރަސް އެކެވެ.
ޒިކާ ވައިރަސްގެ ސަބަބުން އުފަންވާ ކުއްޖާގެ "މައިކްރޯސެފަލީ" ކިޔާ ކޮންޑިޝަނެއް އުފެދެ އެވެ. މީގެ ސަބަބުން ބޯ ކުޑަކޮށް ހުރުމާއި ސިކުނޑި ނުއުފެދުންފަދަ އުނިކަން ހުރެ އެވެ.
މި ވައިރަސްއަކީ މާ ބޮޑެތި އަލާމާތްތަކެއް ފެންނަ ވައިރަސްއެއް ނޫނެވެ. މަޑު ހުމަކާއިއެކު ހަން ކުރަކި ވުމާއި ހުޅު ހުޅުގައި ރިއްސުންފަދަ އަލާމާތްތައް މަދު މީހެއްގެ ފަރާތުން ފެނެ އެވެ. ގިނަ ފަހަރު މި ވައިރަސް ޖެހުމަށްފަހު ހަފްތާއެއް ނުވަތަ 10 ދުވަސް ތެރޭގައި އޭގެ ޒާތުގައި ރަނގަޅު ވެއެވެ. ހާލަތު ގޯސްވަނީ ގިނަ ފަހަރު މާބަނޑު މީހުންގެ ނުވަތަ ކުޑަ ދަރިފުޅުގެ އެވެ.
ޒިކާ ވައިރަސްއަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިއުލާންކުރީ 2015 ވަނަ އަހަރު އެވެ. އެއީ މި ވައިރަސްއަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައި ނުވާތީ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބަލި ނުފެތުރި ކޮންޓްރޯލް ކުރެވިފައިވާތީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެ ހާލަތު ވަނީ އުވާލައިފަ އެވެ.
އިންޑިއާއިން މި ވައިރަސްއަށް ޝައްކު ކުރެވޭ މާބަނޑު މީހެއްގެ ފަރާތުން ބައެއް އަލާމާތްތައް ފެނުނެވެ. އެގޮތުން ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހަންގަނޑު ކުރަކިވެފައި ހުރިކަންވެސް ފާހަގަވިކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ބުދަ ދުވަހު އެ އަންހެން މީހާ ވިހެއި އިރުވެސް ބަލީގެ އަލާމާތްތައް ހުއްޓެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ އަންހެން މީހާ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފަ އެވެ. އޭނާގެ ހާލަތު މުޅިން ކަށަވަރު ނުވިނަމަވެސް ދަރިފުޅުގެ ހާލަތު ރަނގަޅުކަން ވަނީ އޮފިޝަލުން ކަށަވަރުކޮށްދީފަ އެވެެ.
އިންޑިއާގައި ޒިކާ ވައިރަސް ފެތުރެން ފެށިކަން 2017 ވަނަ އަހަރު އަދި 2018 ވަނަ އަހަރުވެސް އިއުލާން ކުރި އެވެ. އެފަހަރު އެތައް ސަތޭކަ މީހުންނަކަށް މި ވައިރަސްގެ އަސަރު ކުރި އެވެ. ވައިރަސް ފެތުރުނީ ގުޖުރާތާއި ސާޖަސްތާނުގަ އެވެ. މަދު ކޭސްއެއް މަދުޔަ ޕްރަދޭޝްއިންވެސް ފެނުނެވެ. ކެރެލާއިން މި ވައިރަސް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
މަދިރި ހެފުމުން ފެތުރޭ މި ވައިރަސް ރާއްޖެއިންވެސް ފެނުނެވެ. އެހެންނަމަވެސް މިވައިރަސް ރާއްޖެއިން ނުފެންނަތާ ގާތްގަނޑަކަށް ފަސް އަހަރު ވަނީ ވެގެން ގޮސްފަ އެވެ. މިދިޔަ 2017 ވަނަ އަހަރު ރާއްޖެއިން ދިޔަ ދެކުނު ކޮރިއާގެ ފަތުރުވެރިއެއްގެ ގައިން ޒިކާ ފެނުނެވެ. އެހެންނަމަވެސް އެވައިރަސް އޭރު ނުފެތުރެ އެވެ.
އޭގެ ކުރިން 2016 ވަނަ އަހަރު މާލެއިން ޒިކާ ވައިރަސްގެ ކޭހެއް ފެނި މުޅި ރާއްޖޭގައި ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގުރާމެއް އޭރު އެޗްޕީއޭއިން ފެށި އެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ މާބަނޑު މީހުން ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުން ކުރުމަށް އިލްތިމާސްކޮށް ބައްޔަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އަންގައިފަ އެވެ.