ކޮވިޑް-19 ދިފާއު ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް މަލްޓާއަށް އެތެރެ ނުވެވޭގޮތަށް އެގައުމަށް ދާ ފަތުރުވެރިންގެ ގަވާއިދު ބަދަލުކޮށްފި އެވެ.
މަލްޓާ އަކީ މިގޮތަށް ކަނޑައެޅި ޔޫރަޕުގެ ފުރަތަމަ ގައުމެވެ. އެގައުމަށް އެތެރެ ވެވޭނީ އިނގިރޭސިވިލާތާއި ޔޫރަޕުންދޭ ވެކްސިން ސެޓްފިކެޓާއިއެކީ އެވެ. މިއާއެކު އެމެރިކާފަދަ ގައުމުތަކުންވެސް މަލްޓާއަށް ފަތުރުވެރިން އެތެރެވުން ވަގުތީ ގޮތުން މަނާ ވާނެ އެވެ.
މަލްޓާގައި ވެކްސިން ޖެހޭ އާބާދީގެ 79 އިންސައްތަ މީހުންނަށް ވަނީ ދެޑޯޒް ދީފަ އެވެ. އެހެންނަމަވެސް އެގައުމުގެ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ރައްކާތެރިކުރުމަށް ވެކްސިން ނުޖަހައި އެއްވެސް މީހަކަށް ގައުމަށް އެތެރެ ނުވެވޭގޮތް ހެދުމެވެ.
މިއަހަރު ފެށުނީއްސުރެއް މަލްޓާއިން ކޮވިޑުގެ އާ އެއްވެސް ކޭސްއެއް ނުފެނެ އެވެ. އެހެންނަމަވެސް ޖޫން މަހު 26 ކޭސްއެއް ފެނުނެވެ. އޭގެ ފަހުން އިއްޔެ އަނެއްކާވެސް ވަނީ 96 އާ ކޮވިޑު ކޭސް ފެނިފަ އެވެ. މިއާއެކު މަލްޓާއިން ވަނީ މިހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހައި އެގައުމަށް އެތެރެ ނުވެވޭނެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
މަލްޓާގެ އާ ގަވާއިދާއިއެކުވެސް 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަ ކުދިންނަށް ވެކްސިން ނުޖެހިޔަސް އެގައުމަށް އެތެރެ ވެވޭނެ އެވެ. މީގެ ކުރިން މަލްޓާއިން ދިޔައީ ކޮވިޑަށް ޓެސްޓުކޮށް 48 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއެއް ދައްކަން މަޖުބޫރު ކޮށްފަ އެވެ. ނުވަތަ ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި ސެޓްފިކެޓެއް އޮންނަން ޖެހޭނެކަމަށް ކަނޑައަޅައިފަ އެވެ. އެގައުމުން ބަލައިގަންނާނީ ޔޫރަޕިއަން ޔޫނިއަންއިން ދޫކުރާ ސެޓްފިކެޓާއި، ބްރިޓިޝް ސެޓްފިކެޓުގެ އިތުރުން މަލްޓާއިން ދޫކުރާ ސެޓްފިކެޓެވެ. އިންޑިއާ، ޗައިނާ އަދި އެމެރިކާގެ ބައެއް ވެކްސިން ފުރިހަަމަ ކުރިޔަސް އެގައުމުން ބަލައި ނުގަންނާނެ އެވެ.
މަލްޓާއިން އާ އުސޫލު އެކުލަވައިލީ އެގައުމަށް ޑެލްޓާ ވޭރިއެންޓު އަޔަ ނުދޭށެވެ. އެ ވޭރިއެންޓަކީ އިންޑިއާގައި އުފެދުނު ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއެންޓެވެ.
މަލްޓާގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އަންނަނީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކަށް އަމަލު ކުރަމުންނެވެ. މަލްޓާގައި މިހާތަނަށް ވަނީ 30،851 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 420 މީހުން ވަނީ މަރުވެސް ވެފަ އެވެ.