ޕާކިސްތާނުގައި މިއަދު ދިން ބޮން ގޮއްވުމުގެ ހަމަލާއެއްގައި މިހާތަނަށް އެންމެ މަދުވެގެން އަށް މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އަލްޖަޒީރާއިން ރިޕޯޓު ކުރާ ގޮތުގައި ބޮން ގޮއްވާލާފައިވަނީ ޕާކިސްތާނުގެ އުތުރުގެ ސަރަަހައްދެއްގައި ބަހަކަށް އަމާޒުކޮށްގެންނެވެ. އެ ބަހުގައި ދަތުރު ކުރަމުން ދިޔައީ ޗައިނާއަށް ނިސްބަތްވާ އިންޖިނިއަރުންތަކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން ޗައިނާގެ 30 އިންޖިނިއަރުން އެ ބަހުގައި ދަތުރުކުރަމުން ދިޔައިރު އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އެމީހުންނަށް ސެކިއުރިޓީ ދެމުންދިޔަ ދެ މީހަކުވެސް މަރުވެގެން ވަނީ ރިޕޯޓުކޮށްފަ އެވެ.
ހަމަލާގެ މާބޮޑު ތަފްސީލެއް މިހާތަނަށް މީޑިއާތަކުގައިވެސް އާންމުކޮށްފައެއް ނުވެ އެވެ. އެހެންނަަމަވެސް ބަހަށް އަމާޒުކޮށް ދިން މި ބޮމުގެ ހަމަލާގައި ހިނގި ގޮވުން ބާރުގަދަ ކަމަށް އެކި ސޯސްތަކާއި ހަވާލާދީ މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
ގޮއްވައިލި ބަހުގައި އުފުލަމުން ދިޔަ ޗައިނާގެ އިންޖިނިއަރުންތަކަކީ ސަރުކާރުގެ މަޝްރޫއަކަށް ޕާކިސްތާނަށް ގެންގޮސްފައި ތިބި ބައެކެވެ. އެހެންކަމުން މިއީ ސަރުކާރުގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ބެލެވެ އެވެ. ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި ސީދާ ކޮން ބޭނުމެއްގައިކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޕާކިސްތާނުގެ ޕޭޝްވާރުގައި މިއަދު ހިންގި ގޮއްވުމުގައި އަށް މީހަކު މަރުވިއިރު މީގެ ކުރިން 2014 ވަނަ އަހަރުވެސް ވަނީ އެ ޕްރޮވިންސްގައި މިފަދަ ޓެރަރިސްޓު ހަމަލާތަކެއް ދީފަ އެވެ. އެފަހަރު ހަމަލާ ދިނީ ޕަބްލިކް ސްކޫލަކަށް އަމާޒުކޮށެވެ. އެހަމަލާގައި އެންމެ މަދުވެގެން 150 މީހުން މަރުވި އެވެ. ގިނައީ ކުޑަކުދިންނެވެ.