މެޑިޓެރޭނިއަން ގައުމުތަކުން ޔޫރަޕަށް ކަނޑުމަގުން ހިޖުރަ ކުރަން މަސައްކަތްކުރި މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިއަހަރު ދެބައިވިއިރު ދެގުނައަށް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މެޑިޓެރޭނިއަން ކަނޑު މެދުވެރިކޮށް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ވަގަށް ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ފަގީރު ހިސާބުތަކުގައި އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަަނށް މެޑިޓެރޭނިއަން ކަނޑުގައި މަރުވި މީހުންގެ އަދަދު ވަނީ 1،146 ގައި ރެކޯޑު ކުރެވިފަ އެވެ. މިދިޔަ އަހަރު މިމުއްދަތުގައި މަރުވީ 513 މީހުންނެވެ. އޭގެ ކުރިން 2019 ވަނަ އަހަރު 674 މީހުންނެވެ.
މިއަހަރު މަރުވި މީހުންގެ އަދަދު މައްޗަށް ދިޔަކަމަށް ރިޕޯޓުތަކުން ދައްކާއިރު މިއީ މުޅިން ސައްހަ އަދަދަށް ނުވެދާނެ ކަމަށް އައިއޯއެމްއިން ބުނެ އެވެ. އެއީ ކަނޑުމަތި ބެލުމަށް ހަރަކާތްތެރިވާ ބޯޓުތަކަށް ޔޫރަޕުގެ ޕޯޓުތަކުގައި ހުރި ދަތިތަކުގެ ސަބަބުން، ގިނަ ބޯޓުތަކެއް ތާށިވެފައި އޮތުމުން މީހުން ހޯދުމުގައި އެންމެ އެކަށީގެންވާ މަސައްކަތެއް ނުކުރެވޭތީ އެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އެންމެ ގިނަ މީހުން މަރުވީ ލީބިޔާއިން އިޓަލީއަށް ކަނޑުމަގުން ހިޖުރަ ކުރަން މަސައްކަތް ކުރި މީހުންނެވެ. އެގޮތުން މިހާތަނަށް 741 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އެޓްލާންޓިކް އޯޝަންގައި ހުޅަނގު އެފްރިކާއިން ސްޕެއިންއަށް ދަތުރުކުރި 250 މީހަކުވެސް ވަނީ މަރުވެފަ އެވެ.
މެޑިޓެރޭނިއަންގެ ހުޅަނގުގެ ގައުމުތަކުން ސްޕެއިންއަށް ދަތުރު ކުރަމުންދިޔަ މީހުންގެ ތެރެއިން 149 މީހުން މަރުވެފައިވާއިރު މެޑިޓެރޭނިއަންގެ އިރުމަތީގެ ގައުމުތަކުން ގްރީސްއަށް ދަތުރުކުރި މީހުންގެ ތެރެއިންވެސް ހަ މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހިޖުރަކުރަން މަސައްކަތް ކުރާ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު މައްޗަށް ދާން ފެށުމުން އދ. އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިހާތަނަށްވެސް ލީބިޔާ ފަދަ ބައެއް ގައުމުތަކުގައި ކޯސްޓްގާޑު ވަރުގަދަ ކުރުމަށް އެ ޖަމިއްޔާއިން ކުރި ހަރަދާއި އެއްވަރަށް މަސައްކަތް ނުކުރެވޭކަން ފާހަގަކޮށް އދ އިން ބުނެފައިވަނީ މިމައްސަލައަށް ހައްލެއް ބޭނުންވެފައިވާ ކަމަށެވެ.
ކަނޑުމަގުން ހިޖުރަ ކުރާ ރެފިއުޖީން ޔޫރަޕުގެ ގައުމުތަކަށް ދަނީ ރަނގަޅު ދިރިއުޅުމެއް ބޭނުންވެގެންނެވެ. ހާއްސަކޮށް އިންސާނީ ހައްގުތަކުން މަހުރޫމުގެ ކާންބޯން ނުލިބޭ ފަގީރު ގައުމުތަކުން ހިޖުރަ ކުރާ މީހުންގެ އަދަދު ގިނަ އެވެ. އެފަދަ މީހުން ކަނޑުމަގުން ދަތުރު ކުރަނީ ކަނޑުގައި ފުރާނަ ގޮސްދާނެކަން އެނގި ތިބެ އެކަމަށް ފަރުވާލެއް ނެތި އެވެ.