މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި މިޔަމްމާގައި ހިންގި ބަގާވާތަށްފަހު އެގައުމުގެ 75 ކުޑަކުއްޖަކު މަރުވެފައިވާ ކަމަށާއި ހާހެއްހާ ކުދިން ގަވާއިދާއި ހިލާފަށް ބަންދުކޮށްފައިވާކަމަށް އދ ގެ ކުޑަކުދިންގެ ހައްގުތަކާއިބެހޭ ކޮމިޓީން ބުނެފި އެވެ.
މިޔަމްމާގައި އޮތް ސަރުކާރާއި ދެކޮޅަށް އެގައުމުގެ ސިފައިން ނިކުމެ ހިންގި ބަގާވާތަށްފަހު ކުޑަކުދިންގެ ހައްގުތައް ގެއްލިފައިވާކަމަށް ކޮމިޓީގެ ޗެއާ މިކިކޯ އޮޓާނީ ސޮއިކޮށް ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ ބުނެފަ އެވެ.
މިޔަމްމާގެ އާންމުންގެ ލީޑަރު އައުންގް ސަން ސޫ ކްޔީއާއިއެކު އެގައުމުގެ އެތައް ރައްޔިތުންނެއް މިދިޔަ ފަސް މަސްދުވަހުގެ ތެރޭގައި މުޒާހަރާއަށް ނިކުތްއިރު ސިފައިންގެ ފަރާތުން ވަނީ އަނިޔާވެރި ހަމަލާތަކެއް ދީފަ އެވެ. މިކަމުގެ ސަަބަބުން ކުޑަކުދިން މަރުވެފައިވާއިރު ކޮންމެ ދުވަހަކު އެތައް ކުއްޖަކު ހައްޔަރުކޮށް އިންސާނިއްޔަތާއި ހިލާފު އަނިޔާތައް ދެމުން ދާކަން އދ އިން ފާހަގަކުރި އެވެ.
ކުޑަކުދިންނަށް ބަޑިން ބިރު ދެއްކުމުގެ އިތުރުން އެކުދިންގެ ކުރިމަތީގައި ބެލެނިވެރިންނާއި އާއިލާ ކުދިންނަށްވެސް ބިރު ދައްކާތީ އެކަމާ ކޮމިޓީން ކަންބޮޑުވުން ފާޅުކުރި އެވެ.
1991 ވަނަ އަހަރު މިޔަމްމާއި ސޮއިކުރި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އެއްބަސްވުމާއި އެއްގޮތަށް ކަންތައް ކުރޭތޯ ބަލަން މޮނިޓަރިން ޓީމެއް އެކުލަވައިލަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ ޓީމުގައި މިނިވަން ތަޖުރިބާކާރުންގެ 18 މީހަކު ހަރަކާތްތެރިވާނެ އެވެ.
ސަލާމަތީ ބާރުތަކުން ކުޑަކުދިން ގަސްތުގައި މަރަމުން ދާތީ އެކަން އދ އިން ކުށްވެރި ކުރި އެވެ. މީގެ އިތުރުން ފުލުސް އޮފީހާއި މިލިޓަރީ ޑިޓެންޝަން ސެންޓަރުގައި ކުޑަކުދިން ބަންދުކޮށްގެން ގެންގުޅޭތީ އެކަންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
މިޔަމްމާ ސަލާމަތީ ބާރުތަކުން ދަނީ ބޮޑެތި މީހުން ހައްޔަރު ނުކުރެވުމުން އެމީހުންގެ ދަރިން ހައްޔަރުކޮށް އަނިޔާ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ސަލާމަތީ ބާރުތަކާއި ދެކޮޅަށް ރާވައި މިޔަމްމާގައި ހިންގި މުޒާހަރާއެއްގައި އިސްކޮށް އުޅުނު މީހެއްގެ 5 އަހަރުގެ ކުޑަ އަންހެން ކުއްޖެއް މުޒާހަރާގެ ތެރެއިން ވަނީ މަރާލައިފަ އެވެ.
ގޮވާ ތަކެތި އުފެއްދުމުގައި އުޅުނު ކަމަށް ބުނެ އިއްޔެ ވަނީ މިޔަމްމާ ސިފައިން ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި 12 އަހަރާއި 15 އަހަރުގެ ދެ ކުޑަކުދިންވެސް ހިމެނެ އެވެ.
އދ އިން އިއްޔެ ނެރުނު ސްޓޭޓްމެންޓުގައި ވަނީ ކުޑަކުދިން ސިއްހީ ހިދުމަތްތަކުން މަހުރޫމުކޮށް އެކުދިންގެ ކިޔެވުމަށް ހުރަސްއަޅާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިޔަމްމާގެ ގިނަ ހޮސްޕިޓަލްތަކާއި ސްކޫލުތަކުގައި ސަލާމަތީ ބާރުތަކުން ފޯރި މަރަމުންދާކަމުގެ ރިޕޯޓު ލިބިފައިވާކަން ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.
ކޮވިޑާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއްވެސް އެގައުމުގައި އަޅާފައި ނުވާއިރު މިލިއަނަކަށްވުރެއް ގިނަ ކުޑަކުދިނަށް ދޭންޖެހޭ އެހެނިހެން ވެކްސިންތައްވެސް ދިނުން ވަނީ މެދުކަނޑާލައިފަ އެވެ. މީގެ އިތުރުން އެކިއެކި މުހިންމު ސިއްހީ ބޭސްފަރުވާގެ ކަންކަންވެސް އެކުދިންނަށް ވަނީ ދިނުން ހުއްޓާލައިފަ އެވެ.
މިޔަމްމާގައި ކޮވިޑް-19 އަށް މޮނީޓާ ކުރުމުގެ ކަންކަންވެސް ރަނގަޅަށް ކުރިއަކަށް ނުދެ އެވެ. މިހާތަނަށް އައިއރު އެގައުމުގައި ދެލައްކައަށްވުރެއް ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 4،300 މީހުން ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް މޮނިޓާ ނުކުރެވޭތީ މި އަދަދުތައް އެއްވެސް ވަރަކަށް ސައްހަ ވާނެކަމަށް ނުބެލެވޭކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
ވަރަށް ތަފްސީލު ވަރަށް ފުރިހަމަ ހަަބަރެއް