ގިނަ އަދަދަކަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ޑްރަގް އޯވަޑޯޒްގައި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ނެޝަނަލް ސެންޓާ ފޯ ހެލްތު ސްޓެޓިސްޓިކްސްއިން ބުނީ މިދިޔަ 2019 ވަނަ އަހަރު އެމެރިކާގައި ޑްރަގް އޯވަޑޯޒް ވެގެން މަރުވީ 70،630 މީހުން ކަމަށެވެ. އެހެންނަމަވެސް ޖެހިގެން އައި 2020 ވަނަ އަހަރު މި އަދަދު 30 އިންސައްތަ އަށް މައްޗަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރު ޑްރަގް އޯވަޑޯޒް ވެގެން 93،000 އަށްވުރެއް ގިނަ މީހުން މަރުވެފައިވާކަން ވަނީ ރެކޯޑު ކުރެވިފަ އެވެ.
ޑްރަގު އާންމުވާން ފެށުމުގެ ސަބަބުން 1999 ވަނަ އަހަރުން ފެށިގެން ޑްރަގް އޯވަޑޯޒްވެގެން މަރުވާ މީހުންގެ އަދަދު މުޅި ދުނިޔޭގައިވެސް ވަނީ މައްޗަށް ދާން ފަށައިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ އަހަރު އޯވަޑޯޒްގައި މަރުވި މީހުންގެ އަދަދު މުޅި ދުނިޔޭގައިވެސް މައްޗަށް ދާނެ ކަމަށް ބެލެވޭއިރު އޭގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ގޭގައި ތިބެން ޖެހުމާއިއެކު ނަފްސާނީ އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ.
މަސްތުވާތަކެތި ބޭނުންކުާ މީހުންގެ ތެރެއިން ބޮޑު ބައެއް އެތަކެތި ބޭނުންކުރަނީ އެންޒައިޓީއާއި ޑިޕްރެޝަނަށް ބޭސް ކުރުމުގެ ނަމުގަ އެވެ. ހާއްސަކޮށް ވިހަ މާއްދާތަކުން ސިކުނޑިއާއި ކުޅެލާ ކެމިކަލްސް ނަގާ ގިނަ މީހުން ދެކޭ ގޮތުގައި އޭގެ ސަބަބުން ނަފްސާނީ ގޮތުން މީހާއަށް އެހީތެރިކަން ލިބެ އެވެ. އެހެންނަމަވެސް ސައިންސްވެރިން ވަނީ ކެމިކަލްގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ދާއިމީ ގެއްލުންތަކެއް ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަމަށް މަގުފަހިވާނެ ކަމަށެވެ.
ޑްރަގް އޯވަޑޯޒްވެގެން މަރުވާ މީހުންގެ ތެރޭގައި އެއް ބާވަތަށްވުރެއް ގިނަ ބާވަތްތައް އެއްފަހަރާ ބޭނުން ކުރާ މީހުން ގިނަވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ބަނގުރަލުގެ ބާވަތެއް ބޭނުން ކުރުމާއިއެކު މަސްތުވާތަކެތީގެ ކޮންމެވެސް އެހެން ބާވަތެއް ހަށިގަނޑުގެ ތެރެއަށް ދޫކޮށްލުމުން އޯވަޑޯޒް ވާން މަގުފަހި ވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑްރަގް އޯވަޑޯޒްވެގެން މަރުވާ މީހުންގެ ތެރޭގައި ކުޑަކުދިން ގިނަވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ޑްރަގް އޯވަޑޯޒްގައި މަރުވާ އަދަދު ވަނީ ފާއިތުވި އަހަރުތަކުގައި މައްޗަށް ގޮސްފަ އެވެ.