ކޮވިޑް-19 ގެ ހާލަތު ގޯސްވާން ފެށުމުން އޮސްޓްރޭލިއާގެ ބައެއް ހިސާބުތައް ލޮކްޑައުން ކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.
އެގޮތުން ތިން ސަރަަހައްދެއްގައި މިއަދު ވަނީ މުޒާހަރާ ކޮށްފަ އެވެ. ވެރިރަށް ސިޑްނީގައި އެތައް ހާސް މީހުންނެއް އެއްވިއިރު މެލްބަން އާއި ބްރިސްބޭންގައިވެސް އެތައް ބަޔަކު ވަނީ މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ލޮކްޑައުން އުވާލައި މިނިވަންކަން ދިނުމަށެވެ.
އޮސްޓްރޭލިއާ އަލުން ލޮކްޑައުން ކުރަން ސަރުކާރުން ނިންމީ އިންޑިއާގައި އުފެދުނު ކޮވިޑުގެ އެންމެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓު އެގައުމުން ފެނުމާއި ގުޅިގެންނެވެ. މި ވޭރިއެންޓަކީ ފަސޭހައިން އަދި އަވަހަށް ފެތުރިގަންނަ ވޭރިއެންޓެއްކަމުން އެ ވޭރިއެންޓު ފެތުރެން ފަށާފައިވާ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އވެެ.
އޮސްޓްރޭލިއާގައި ކޮވިޑް ދިފާއު ވެކްސިން ދެވިފައިވަނީ ނިސްބަތުން ވަރަށް މަދު މީހަކަށެވެ. މިހާތަނަށް އެގައުމުގެ 14 އިންސައްތަ މީހުންނަށް ވެކްސިން ދެވިފައިވާއިރު ވެކްސިން ޕްރޮގުރާމު ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގައިކަން ފާހަގަކޮށްލެވެ އެވެ.
ސިޑްނީގެ ހޭމާކެޓް ސަރަހައްދުގައި މުޒާހަރާ ކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއް ފަހުން ނިއު ސައުތު ވޭލްސްގެ ސިއްހީ އިދާރާއިން ވަނީ އެ ސަރަހައްދަކީ ކޮވިޑް ހޮޓްސްޕޮޓެއްގެ ގޮތުގައި ކަނޑައަޅައި އެއްވުން މަނާކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ. އަދި އެއްވުން ރޫޅައިލަން އެއްވި ފުލުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިން ވަނީ ފުޅިފަދަ ތަކެތި އުކައިފަ އވެެ.
މި މުޒާހަރާއިން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. ސީދާ އަދަދު ސާފެއް ނުވެ އެވެ.
އޮސްޓްރޭލިއާ ލޮކްޑައުން ކުރި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 13 މިލިއަނެއްހާ މީހުން ދިރިއުޅެ އެވެ. މިއީ އެގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަ އެވެ. ވެރިރަށް ސިޑްނީވެސް އޮތީ ލޮކްޑައުން ކޮށްފަ އެވެ. ސިޑްނީ ލޮކްޑައުން ކޮށްފައި އޮންނަތާ ހަފްތާތަކެއް ވެފައިވާއިރު އެތަނުގައި އަދިވެސް ދަނީ ކޮވިޑު ހަލުވިކަމާއިއެކު ފެތުރެމުންނެވެ.