ތުރުކީގެ އުތުރުގައި އިއްޔެ ދިން ހަަމަލާއެއްގައި ތުރުކީގެ އަސްކަރިއްޔާގެ ދެ މީހުން މަރުވެ، އިތުރު ދެމީހުން ޒަހަމްވެފައިވާކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މިހަމަލާ ދިނީ ކޮން ބައެއްކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ. އެހެންނަމަވެސް ހަމަލާ ދިނީ ތުރުކީއާއި ސީރިޔާ ގުޅޭ ހިސާބުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދަތުރު ކުރަމުން ދިޔަ ތުރުކީ އަސްކަރިއްޔާގެ އުޅަނދުތަކަކަށް އަމާޒުކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
އަލްބާބް ސަރަހައްދުގައި މި ހަމަލާ ދީފައިވާއިރު އެ ސަރަހައްދަކީ ސީރިޔާގެ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިސިސް އާއި ކުރުދިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) އާއި ދެކޮޅަށް 2016 ވަނަ އަހަރު ތުރުކީން ބޮޑު އޮޕަރޭޝަނެއް ހިންގި ސަރަހައްދެވެ.
މިހާތަނަށް ބެލެވިފައިވާ ގޮތުގައި އިއްޔެ ދިން ހަމަލާގެ އަޑީގައި ތިބީ ކުރުދިޝްއަށް ނިސްބަތްވާ ތުރުކީގެ ޖަމާއަތެކެވެ. ކުރުދިސްތާން ވޯކާޒް ޕާޓީގެ ނަމުގައި ހިންގާ އެ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ ކަނޑައަޅައިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތުރުކީ އަސްކަރިއްޔާއިން ވަނީ ހަަމަލާ ދިން ސަރަހައްދުގައި ސަލާމަތި ކަންކަން އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އަދި ތުރުކީއިން ރައްދު ދިނުމުގެ ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެ އެވެ.
ސީރިއާއާއި ތުރުކީ އާއި ދެމެދު ހަަމަލާ ބަދަލު ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ހަމަލާ ބަދަލުކުރުންތައް ހިނގަނީ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގަ އެވެ. މި ސަރަހައްދުގައި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އދ އިންނާއި އީޔޫއިންވެސް ވަނީ ހާއްސަ ކެމްޕެއިނެއް ފަށައިފަ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އދ އިން ދަނީ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަމުންނެވެ. އެ ވާހަކަތަކަށް އެތައް އަހަރެއް ވެގެން ދިޔައިރުވެސް އެދެވޭ ހައްލެއް އައިސްފައެއް ނުވެ އެވެ.