ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުތަކުން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިމެދު ހިތްހަމަނުޖެހި އެފިޔަވަޅުތައް އުވައިލުމަށް ގޮވާލައި ފްރާންސް، އިޓަލީ، އޮސްޓްރޭލިއާގެ އިތުރުން އިނގިރޭސިވިލާތުގައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފި އެވެ.
މިނިވަންކަމަށް ގޮވާލާ މި މުޒާހަރާތައް އިއްޔެވެސް ކުރިއަށް ދިޔަ އެވެ.
އެންމެ ގިނަ މީހުން މުޒާހަރާއަށް ނިކުތީ ފްރާންސްގަ އެވެ. ވެރިރަށް ޕެރިސްގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި 160،000 މީހުން އެއްވިކަމަށް ބެލެވެ އެވެ. ފްރާންސް ސަރުކާރުން ވަނީ ކޮވިޑް ދިފާއު ވެކްސިން ނުޖަހާ މީހުންނަށް ލޮކްޑައުން އިއުލާންކޮށްފަ އެވެ. އެގައުމުގައި ރެސްޓޯރެންޓުތަކާއި ކެފޭތަކުން ހިދުމަތް ހޯދޭނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ.
އިޓަލީގައިވެސް ވަނީ ދާދި އެއްގޮތް ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގައުމުގެ ތިން ސަރަހައްދެއްގައި އިއްޔެ މުޒާހަރާ ކުރި އެވެ. އެއީ ރޯމް، ނޭޕަލްސްގެ އިތުރުން ޓިއުރިންގަ އެވެ. ރޯމްގައި ވަނީ ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ގްރީން ޕާސްއެއް ދޫކުރަން ނިންމައި އާންމު ހިދުމަތްތައް އެ ކާޑު މެދުވެރިކޮށް ލިބޭ ގޮތް ހަދައިފަ އެވެ. އަންނަ މަހު ހުޅުވާ ސިނަމާތަކާއި އިންޑޯ ހަރަކާތްތަކުގައި ބައިވެރިވެވޭނީވެސް ގްރީން ކާޑު އޮންނަ ފަރާތްތަކަށެވެ.
އިޓަލީގައި އިއްޔެ ކުރި މުޒާހަރާއަށް ގިނަ މީހުން އެއްވީ މާސްކުވެސް ނާޅަ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައިވެސް އިއްޔެ މުޒާހަރާ ކުރި އެވެ. އިނގިރޭސިވިލާތުގައި ވަނީ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ ގޮތުން ޓްރޭސް ކުރާނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ. މީގެ ސަބަބުން ބޭނުން ކޮންމެ ތަނަކަށް ގޮސް މީހުންނާއި ބައްދަލުވުމުގެ ފުރުސަތު ހަނިވެ އެވެ. ހާއްސަކޮށް ކޮވިޑުގެ ބަލި މީހަކާއި ބައްދަލުވެއްޖެކަން ފާހަގަވާނަމަ އެކަހެރިވުމަށް އަންގަ އެވެ. މިގޮތަށް އެކަހެރި ކުރެވުނު މީހުންގެ އަދަދު މިދިޔަ މަހު އެކަނިވެސް 600،000 އަށް އަރަ އެވެ.
އެހެންނަމަވެސް އިނގިރޭސިވިލާތުގައި އިއްޔެ މުޒާހަރާ ކުރިއިރު ގިނަ ފިޔަވަޅުތައެއް ވަނީ އުވާލައިފަ އެވެ. އެގޮތުން މާސްކު އެޅުންވެސް އެގައުމުގައި މިހާރު މަޖުބޫރެއް ނޫނެވެ. ސިނަމާތަކާއި ނައިޓު ކްލަބްތައްވެސް ހުޅުވަން ވަނީ ހުއްދަ ދީފަ އެވެ. އެހެންނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ހުރަސްތަކެއް ހުންނާނެ އެވެ.
އަނެއްކޮޅުން އޮސްޓްރޭލިއާގައިވެސް އިއްޔެ މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ. އެގައުމުގައި ކޮވިޑުގެ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމާއިއެކު ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. މުޒާހަރާ ކުރީ އެ ފިޔަވަޅުތަކާއި ދެކޮޅަށެވެ.
ޗައިނާގައި ފެށުނު ކޮވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރެމުން ގޮސް ފަހުން އެންމެ ބޮޑުވަރުވީ ޔޫރަޕުގެ ގައުމުތަކުގަ އެވެ. ހާއްސަކޮށް އިޓަލީ އަދި ފްރާންސްއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑުގައި ރެކޯޑު އަދަދަކަށް މީހުން މަރުވި ދެ ގައުމެވެ. ވެކްސިން ތައާރަފުކޮށް އެޕްރޮގުރާމު ރަނގަޅަށް ކުރިއަށް ގެންދެވެން ފެށުމުން ޔޫރަޕުގެ ގައުމުތަކުގައި ހާލަތު ރަނގަޅުވާން ފެށި އެވެ. އެހެންނަމަވެސް ބަލީގެ އާ ވޭރިއެންޓު އުފެދެމުން ދާތީ އަދިވެސް ހާލަތު ގޯސްވެދާނެކަމުގެ ބިރު އެބަ އޮތެވެ.