ނިއުޒިލޭންޑަށް ނިސްބަތްވާ އަންހެނަކު ސީރީއާއަށް ދިއުމަށްފަހު އަނބުރާ އަންނަން ބޭނުންވުމުން އޭނާ ބަލައިގަންނަން ނިއުޒިލޭންޑުން ނިންމައިފި އެވެ.
ސުހައިރާ އާދަން ނަމަކަށް ނިޔާ މި އަންހެން މީހާގެ އުމުރުން ހަ އަހަރުގައި އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލު ކުރިއެވެ. އޭގެ ފަހުން ސީރިއާއަށް ދިރިއުޅުން ބަދަލު ކުރީ 2014 ވަނަ އަހަރު އެވެ. ސީރިޔާގައި ހަ އަހަރު ދިރިއުޅުމަށްފަހު މި އަންހެން މީހާ ވަނީ ގަވާއިދާ ހިލާފަށް ތުރުކީއަށް އެތެރެވާން އުޅެފަ އެވެ.
ތުރުކީން އެ އަންހެން މީހާ ހިފަހައްޓައި އޮސްޓްރޭލިއާ ސަރުކާރަށް އެކަން އެންގި އެވެ. އެހެންނަމަވެސް އޮސްޓްރޭލިއާ ސަރުކާރުން ވަނީ އެ އަންހެން މީހާއާއި އައިސިސްއާއި ގުޅުން އޮތުމުން އެމީހާ ބަލައިނުގަންނަން ނިންމައިފަ އެވެ. އެމީހާ ކުޑަ ދެ ކުދިންވެސް ތިބެ އެވެ.
މިއާއެކު ތުރުކީން ދެން އެންގީ ސުހައިރާ އުފަންވި ނިއުޒިލޭންޑަށެވެ. އެގައުމުގެ ސަރުކާރުން ވަނީ އެމީހާގެ މައްސަލަ ކެބިނެޓު ފެންވަރުގައި މަޝްވަރާކޮށްފަ އެވެ. އަދި ސުހައިރާއާއި އޭނާގެ ދެކުދިންނަކީ ތުރުކީގެ ބެލުމުގެ ދަށުގައި ތިބެންޖެހޭނެ ބައެއް ނޫން ކަަމަށާއި އޮސްޓްރޭލިއާއިން އާއިލާ ބަލައިނުގަންނަން ނިންމުމުން އެއީ މިހާރު ނިއުޒިލޭންޑުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކަމަށް ނިއުޒިލޭންޑު ސަރުކާރުން ވަނީ ނިންމައިފަ އވެެ.
ނިއުޒިލޭންޑު ސަރުކާރުން މިގޮތަށް ނިންމިއިރު ސުހައިރާއަކީ އައިސިސްއާއި ގުޅުމެއް އޮތުމުން އިންޓަޕޯލްއިން ބްލޫ ނޯޓިސްވެސް ނެރެފައިވާ މީހެކެވެ. އެހެންވެ އޭނާ ނިއުޒިލޭންޑަށް ގެންދާނެ ދުވަހާއި ވަގުތު އަދި ހުންނާނެ ތަނުގެ އެއްވެސް ތަފްސީލެއް ސަރުކާރުން އާންމު ނުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އޭނާގެ ރައްކާތެރިކަމަށް ކަމުގައިވެސް ސަރުކާރުން ބުންޏެވެ.
ސުހައިރާ އާއި އޭނާގެ ދެކުދިން ނިއުޒިލޭންޑަށް ގެންދިޔަ ނަމަވެސް އެގައުމުގެ ގާނޫނު އޮންނަ ގޮތުން އެމީހުންނަށް ދެން ދިރިއުޅެވޭނީ ހާއްސަ ގަވާއިދުތަކާއި އުސޫލުތަކެއްގެ ތެރެއިންނެވެ. އަދި ފުލުހުން ދާނީ އެމީހުން ގާތުން މޮނީޓާ ކުރަމުންނެވެ.
ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށް ދާ މީހުން، ހާއްސަކޮށް ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އައިސިސްއާއި ގުޅުން އޮންނަ މީހުން އެހެން ގައުމުތަކަށް ދިޔުމުގައި ބޮޑެތި އިންތަކެއް ހުރެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އެމީހުން ބަލައިވެސް ނުގަނެ އެވެ. އެއީ އެފަދަ މީހުންނަކީ ސަލާމަތަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ކަނޑައެޅިފައިވާތީ އެވެ. އައިސިސްގައި ޝާމިލުވާ މީހުން ސީރިޔާއަށް ދިޔުމުން ބޮން ހެދުމާއި، އެނޫންވެސް ހަތިޔާރު ތައްޔާރު ކުރުމާއި ބޭނުންކުރުމުގެ ތަމްރީނުތައް ދެ އެވެ. އެހެންކަމުން އެމީހުން އެހެން ގައުމަކަށް ދިޔަނަަމަވެސް އެތަނެއްގައި ތިބެގެން އެފަދަ ކަންކަން ކޮށްފާނެކަމުގެ ބިރު އޮވެ އެވެ.