ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ދޫކުރަން ނިންމާފައިވާ ކޮވިޑް ފާސް ބޭނުންކުރަން ފަށަށް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރި ނަމަވެސް އާންމު ހިދުމަތްތައް ލިބެނީ ކޮވިޑް ވެކްސިނޭޝަން ފާސް އޮންނަ މީހުންނަށެވެ. އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އިޓަލީގައިވެސް މިފަދަ ފާސްކުރަން ވަނީ ނިންމައިފަ އެވެ.
ކޮވިޑް ދިފާއު ވެކްސިން ފުރިހަމަ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިހެން ކަން ކުރި ނަމަވެސް ފްރާންސްގެ ގިނަ ރައްޔިތުންނެއް މިކަމާއި ކަންބޮޑުވުން ފާޅު ކުރެ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ފްރާންސްގައި އަންނަނީ މިކަމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ.
އެގައުމުގެ ރެސްޓޯރެންޓުތަކާއި އާންމު ދަތުރުފަތުރުގެ އިތުރުން މަތިންދާ ބޯޓަށްވެސް އެރެނީ ވެކްސިން ކާޑާއިއެކު ޕީސީއާރު ނެގެޓިވް ޓެސްޓުގެ ނަތީޖާއެއް އޮތްނަމަ އެވެ. މަޖިލީހުން ފާސްކުރީ 12 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި ގަވާއިދު ހިންގާށެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވެކްސިން ފުރިހަަމަ ކުރަންވެސް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެ ތާރީހަށް ވެކްސިން ފުރިހަމަ ނުކުރާނަމަ އެމީހަކު ސަސްޕެންޑު ކުރަންވެސް ނިންމި އެވެ.
މިިދިޔަ ހޮނިހިރު ދުވަހަކީ އެންމެ ގިނަ ބަޔަކު ފްރާންސްގައި މުޒާހަރާއަށް ނިކުތް ދުވަހެވެ. އެގޮތުން 160،000 މީހުން އެ މުޒާހަރާގައި ބައިވެރިވި އެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ވެކްސިން ޖެހުމަށް ސަރުކާރަށް މަޖުބޫރު ނުކުރުވޭނެ އެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އާންމު ހިދުމަތްތައް ނުދޭން ސަރުކާރުން ނިންމި ނިންމުން ބަލައި ނުގަނެވޭނެ ކަމަށާއި އެންމެންނަށްވެސް މިނިވަންކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް މުޒާހަރާގައި ގޮވި އެވެ.
އެހެންނަމަވެސް ފްރާންސްގެ ސަރުކާރުން ބުނާ ގޮތުގައި މީގެ ކުރިންވެސް ކޮވިޑުގެ ހާލަތު ގޯސްވީ ވެކްސިން ނުޖަހައި އާންމު ތަންތަނަށް އެއްވެ އުޅުމުގެ ސަބަބުންނެވެ. އެހެންކަމުން އިތުރު ލޮކްޑައުންއަކަށް ގައުމު ގެންދަން ބޭނުން ނުވާނަމަ ވެކްސިން ޖެހުން ވަރަށް މުހިންމުކަމަށް ސަރުކާރުން ބުނެ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ފްރާންސްގެ ސިނަމާތަކާއި، ނައިޓް ކްލަބުތަކުގެ އިތުރުން މިއުޒިއަމްތައްވެސް ހުޅުވި އެވެ. އެހެންނަމަވެސް އެތަންތަނަށް ދެވޭނީ ހަމައެކަނި ވެކްސިން ޕާސް އޮންނަ މީހުންނަށްކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެގައުމުގައިވެސް ވަނީ އިންޑިއާގެ ޑެލްޓާ ވޭރިއެންޓު ފެނިފަ އެވެ. މީގެ ސަބަބުން ކޮވިޑު ކޭސްތައް އިތުރުވާންވެސް ފެށި އެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުން މި ވޭރިއެންޓު ވަނީ ފެނިފަ އެވެ.
ފްރާންސްގައި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވުނީ 40 މިލިއަން މީހުންނަށެވެ. މިދިޔަ ދެހަފްތާގެ ތެރޭގައި އެގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގުރާމް ހަލުވި ވެގެން ދިޔަ އެވެ. މީގެ ސަބަބުން މިހާރު އާބާދީގެ 60 އިންސައްތަ މީހުންނަށް އެންމެ މަދުވެގެން ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާކަމަށް ސަރުކާރުން ބުނެ އެވެ.