މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާގެ އެކި ސްޓޭޓުތަކަށް މުޅި ޖުމްލަ 516 މިލިއަން ޑޯޒް ކޮވިޑް-19 ދިފާއު ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
މި އަދަދަށް ވެކްސިން އުފައްދައި ފޯރުކޮށްދިން ނަމަވެސް ވެކްސިންގެ ހުރިހާ ޑޯޒެއް ޖަހައި ނިންމޭނެކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން މި އަދަދަކީ ގާތްގަނޑަކަށް އިންޑިއާ އާބާދީގައި ވެކްސިން ޖެހޭ އުމުރުފުރާގެ ބޮޑު ބަޔަކަށް ވެކްސިން ދެވޭނެ އަދަދެއްކަމަށް ބެލެވެ އެވެ.
އިންޑިއާގައި ކޮވިޑް ވެކްސިން އެއް ދުވަހެއްގެ މަތިން އެންމެ ގިނައިން ޖެހުނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެއީ 9.2 މިލިއަން ޑޯޒް އެވެ. އެހެންނަމަވެސް އޭގެ ފަހުން އަނެއްކާވެސް އަދަދު ދަށްވެ ދުވާލަކަށް ވެކްސިން ދެވެނީ 7 މިލިއަނެއްހާ މީހުންނަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދުވާލެއްގެ މައްޗަށް 14 މިލިއަން މީހުންނަށް ވެކްސިން ދެވިގެން ނޫނީ އިންޑިއާއިން ލަފާކުރި އަދަދަށް ވެކްސިން ދީ ނުނިންމޭނެ ކަމަށެވެ. ސިއްހީ ދާއިރާގައި މުވައްޒަފުން މަދުވުމާއިއެކު މި އަދަދަށް ވެކްސިން ދެވޭނެ ކަމަކަށް ނުބެލެވެ އެވެ.
މިހާތަނަށް އިންޑިއާގެ ސްޓޭޓުތަކަށް ފޯރުކޮށްދެވުނީ 457 މިލިއަން ޑޯޒް ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން މިމަސް ނިމުމުގެ ކުރިން ދެން ފޯރުކޮށްދޭން ޖެހޭނީ 60.3 މިލިއަން ޑޯޒެވެ. މިއަހަރުގެ ޖެނުއަރީ މަހުން ޖުލައި މަހުގެ ނިޔަލަށް އިންޑިއާއިން 457 މިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިން އިރު މިއީ ޗައިނާއަށްފަހު އެންމެ ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދިން ގައުމެވެ. އެހެންނަމަވެސް އާބާދީގެ ނިސްބަތުން އިންޑިއާއަށް މިއީ އެހެން ބައެއް ގައުމުތަކާއި އަޅާ ބަލާއިރު މަދު އަދަދެކެވެ.
މިހާތަނަށް އިންޑިއާގައި ވެކްސިންގެ ދެޑޯޒް ދެވުނީ 94 މިލިއަން މީހުންނަށެވެ. މިއީ އެގައުމުގައި ވެކްސިން ޖެހޭ އުމުރުފުރާގެ ގާތްގަަނޑަކަށް 10 އިންސައްތަ އެވެ.
މިހާރު އިންޑިއާގައި ކޮވިޑުގެ ހާލަތު އަންނަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންނެވެ. އެހެންވެ އެގައުމުން ދަނީ ވެކްސިން ޕްރޮގުރާމު ހަލުވިކަމާއިއެކު ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ.
އިއްޔެ އިންޑިއާއިން ފެނުނީ ކޮވިޑުގެ 29،689 ކޭސް އެވެ. މިއީ މިއަހަރު މާޗު 17 ގެ ފަހުން އެއްދުވަހާ އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގައުމުން ޖުމްލަ މިބަލި ޖެހުނީ 31.44 މިލިއަން މީހުންނަށެވެ. މިހާތަނަށް މި ބަލީގައި އިންޑިއާއިން 420،000 މީހުން ވަނީ މަރުވެފަ އެވެ.