ނައިޖީރިއާގައި މެޑިސިން ކިޔަވަމުންދާ އެންޔާ އެގްބޭގެ، އެނެޓޮމީ ކްލާހަށް ރަހުމަތްތެރިޔާގެ މަރުވެފައިވާ ހަށިގަނޑު ގެނައުމުން ރޮމުން ނިކުމެގެން ހިނގައްޖެ އެވެ.
އެނެޓޮމީ ކްލާހަކީ ޑޮކްޓަރަކަށް ވުމަށް ކިޔަވާ ދަރިވަރުންނަށް އެކި ކަންކަން އުނގަންނައިދިނުމުގެ ބޭނުމުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑު ގެނަސްގެން ކުރިއަށް ގެންދާ ކްލާހެކެވެ. އެ ކްލާހުގައި ހަށިގަނޑު ފަޅައި އެކި ގުނަވަންތައް ނަގައިގެން އެކްސްޕެރިމެންޓު ހަދަ އެވެ.
26 އަހަރުގެ އެގްބޭއަކީ މެޑިސިން ކިޔަވަމުންދާ ދަރިވަރެކެވެ. މީގެ ކުރިން އެނެޓޮމީ ކްލާސްތަކުގައި އޭނާއަށް އުނދަގުލެއް ނުވެ އެވެ. އެހެންނަމަވެސް އެއްދުވަހު ކްލާހަށް ގެނައި ހަށިގަނޑު ފެނުމާއިއެކު އެގްބޭ ރޮމުން ދުވެފައި ބޭރަށް ނިކުތެވެ.
އެދުވަހު ކްލާހަށް ގެނައީ މީގެ ހަތް އަހަރު ކުރިން ވަޒަން އަރައި މަރުވި އެގްބޭގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހަށިގަނޑެވެ. އޭނާ ބުނި ގޮތުގައި މޭގެ ކަނާތް ފަރާތަށް އަރާފައިވާ ދެ ވަޒަން ފެނުމާއިއެކު ކެތެއް ނުކުރެވުނެވެ.
އެގްބޭގެ ރަހުމަތްތެރިޔާ މަރުވީ ބުރާސްފަތި ދުވަހެއްގެ ރޭ ރައްޓެހިންނާއިއެކު ބޭރުގައި އުޅެނިކޮށް ފުލުހުން ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ވަޒަން އަރައިގެންނެވެ. އެގްބޭގެ ހަށިގަނޑު މެޑިކަލް ސްކޫލަކަށް ގެންދިޔައީ ގަވާއިދާ ހިލާފަށް ކަމަށް މިހާރު ދަނީ ތުހުމަތު ކުރެވެމުންނެވެ.
ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން މެޑިކަލް ބޭނުމަށް ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ގެންދަން ޖެހެނީ ބޮޑެތި ކުށްތަކުގައި މަރައިލާ ނުވަތަ މަރުވާ މީހުންނެވެ. އެމީހުންގެ ހަށިގަނޑު ފަޅައި އެކަމުގެ ސަބަބުން މެޑިސިން ކިޔަވާ ދަރިވަރުންނަށް އޭގެ ފައިދާ ލިބޭ ގޮތަށް ގާނޫނު އޭރު ފާސްކުރި އެވެ.
ނައިޖީިއާގައި މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވި އެެވެ. މެޑިސިން ކްލާސްތަކަށް ގެންދާ ބައެއް ހަށިގަނޑުތައް ގަވާއިދާ ހިލާފަށް ފޯރުކޮށްދޭ މައްސަލަ ފެންމަތިވިއިރު ހަށިގަނޑުތަކުގެ ތެރެއިން 10 އިންސައްތަ އަކީ ކުށްވެރިން ނޫން ގޮތުގައި މަރުވާ މީހުންނެވެ. އަނެއް 90 އިންސައްތަ މީހުންނަކީ ކުށްވެރިންކަމަށް ފުލުހުން ބުނި ނަމަވެސް އެގްބޭގެ ރަހުމަތްތެރިޔާ ފަދައިން ފުލުހުންގެ އަނިޔާވެރިކަމުން މަރުވާ ބައެއް މީހުންވެސް މެޑިސިން ކްލާސްތަކަށް ކުށްވެރިންގެ ގޮތުގައި ގެންދެ އެވެ.
އެގްބޭގެ ރަހުމަތްތެރިޔާ މަރުވި ހާދިސާއާއި ގުޅިގެން ފަހުން ފުލުހުން ބުނީ ހަމަލާ ދެވުނީ އޮޅިގެން ނުބައި މީހަަކަށް ކަމަށެވެ.