ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހައި ރިސްކު ކެޓެގަރީގައި ހިމެނޭ ފަރާތްތަކަށް، ބޫސްޓާ ޝޮޓެއްގެ ގޮތުގައި ތިންވަނަ ޑޯޒެއް ދޭން ޖަރުމަނުން ނިންމައިފި އެވެ.
ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕާހް އިއްޔެ މި ނިންމުން ނިންމެވިއިރު ތިންވަނަ ޑޯޒެއް އެންމެ ފުރަތަމަ ޖަހާނީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގެ ސަބަބުން ކޮވިޑުގެ ހައި ރިސްކު މީހުންގެ ގޮތުގައި ގުނާ މީހުންނަށެވެ. މިގޮތަށް ނިންމީ އެގައުމުގައި މިހާރު ފެތުރެމުންދާ އިންޑިއާ ވޭރިއެންޓުން (ޑެލްޓާ ވޭރިއެންޓުން) ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.
ސިއްހީ އިދާރާތަކުން މިހާރު ނިންމާފައިވަނީ ކޮވިޑްގެ ކޮންމެ ބްރޭންޑެއްގެ ވެކްސިނެއް ފުރިހަމަ ކުރިނަމަވެސް ތިންވަނަ ޑޯޒެއްގެ ގޮތުގައި ފައިޒާ ނުވަތަ މޮޑާނާ ވެކްސިންގެ ބޫސްޓާ ޝޮޓެއް ދިނުމަށެވެ. އެކަމަށްޓަކައި ހާއްސަ ޓީމަކުން ހަރަކާތްތެރިވާނެ ކަމަށާއި އެމީހުން އެންމެ ފުރަތަމަ ދާނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ނާސިންގް ހޯމްސް ތަކަށްކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ޖަރުމަނުގައި ކޮވިޑް ވެކްސިން ފުރިހަަމަ ކޮށްފައި ތިބި މީހުން ޖަހާފައިވަނީ އެސްޓްރަޒެނިކާ ވެކްސިންގެ ދެޑޯޒް ނުވަތަ ޖޯންސަން އެންޑް ޖޯންސަންގެ އެއް ޑޯޒެވެ. ޖޯންސަން އެންޑް ޖޯންސަން ވެކްސިނަކީ އެއް ޑޯޒްގެ ވެކްސިނެކެވެ. މި ދެ ވެކްސިން ޖެހި މީހުންނަށްވެސް ތިންވަނަ ޑޯޒް ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށްވެސް ކޮވިޑް ވެކްސިން ދޭން ޖަރުމަނުން ވަނީ ނިންމައިފަ އެވެ. އެގޮތުން މިހާރު ހިނގަމުންދާ ސްކޫލު ބަންދު ނިމި ދަރިވަރުން ސްކޫލަށް ނިކުންނައިރު ވެކްސިން ފުރިހަަމަކޮށްގެން ނިކުތުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ދަނީ ބާރު އަޅަމުންނެވެ. ހާއްސަކޮށް ހައި ރިސްކު ކެޓެގަރީގެ މީހަކާއި އެކީގައި ކުއްޖާ އުޅޭނަމަ ވެކްސިން ފުރިހަމަކުރުން މުހިންމު ކަމަށް ވަނީ އަންގައިފަ އެވެ.
ޔޫރަޕުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ޖަރުމަނުގެ ކޮވިޑު ހާލަތު ރަނގަޅެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެގައުމުންވެސް ޑެލްޓާ ވޭރިއެންޓު ފެނި ދަނީ ފެތުރެމުންނެވެ.
ޖަރުމަނުގައި މިހާތަނަށް ކޮވިޑް ވެކްސިން ދެވުނީ ވެކްސިން ދެވޭ އާބާދީގެ 52 އިންސައްތަ އަށެވެ.