މޮރިޝަސްގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ހެދުމުގެ މަސައްކަތް ސިއްރިއްޔާތުގައި ކުރިއަށް ގެންދަނިކޮށް އެކަން، އަލްޖަޒީރާއިން ހިންގި ތަހުގީގެއްގައި ހާމަކޮށްފި އެވެ.
ބައިނަލްއަގުވާމީ މީޑިއާ، އަލްޖަޒީރާއިން ހިންގި މި ތަހުގީގުގައި ބުނާ ގޮތުން އިންޑިއާއިން އަސްކަރީ ބޭސްއެއް ހަދަނީ މޮރިޝަސްގެ އަގެލޭގާ ކިޔާ ރަށެއްގަ އެވެ. ތަހުގީގު ޓީމުން ވަނީ އެރަށުގެ ސެޓެލައިޓް ފޮޓޯތަކެއްވެސް ހޯދައިފަ އެވެ.
މޮރިޝަސްގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާއި ގުޅިގެން މީޑިއާގައި މީގެ ކުރިން ރިޕޯޓު ކުރި އެވެ. 2018 ވަނަ އަހަރުގެ ތެރޭގައި އަގެލޭގާ ގައި ހަދަނީ އިންޑިއާގެ އަސްކަރީ ބޭސްއެއްކަމަށް ބުނެ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރިނަމަވެސް އެކަން މޮރިޝަސް ސަރުކާރުން ދޮގު ކުރި އެވެ. އިންޑިއާ ސަރުކާރުންވެސް އެކަން އޭރު ދޮގު ކުރި އެވެ.
އަލްޖަޒީރާގެ ޓީމަކުން ދިގު މުއްދަތަކަށް އެރަށުގައި ހިނގަމުން ދިޔަ ކަންކަން ތަހުގީގު ކޮށްފައިވާއިރު ޓީމުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އަސްކަރިއްޔާއިން ގެންދަނީ މޮރިޝަސްގެ އަގެލޭގާ ހިމެނޭ ކަނޑުގެ ސަރަހައްދު ޕެޓްރޯލު ކުރުމަށް ބޭނުންވާ އަސްކާރީ ބޭސްއެއް ތަރައްގީ ކުރަމުންނެވެ.
India is secretly transforming the Mauritian island of Agaléga into a military hub for its navy.
An I-Unit investigation reveals a construction project funded by the Indian government with potentially devastating consequences for the islands inhabitants. #IslandOfSecrets
— Al Jazeera Investigations (@AJIunit) August 3, 2021
ވަކިން އޮންނަ އަގެލޭގާގައި 300 އެއްހާ މީހުންގެ އާބާދީއެއް އޮވެ އެވެ. އިންޑިއާއިން އަސްކަރީ ބޭސް ތަރައްގީ ކުރަނީ މީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރުގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑިއާއިން ވަނީ 3 ކިލޯމީޓަރުގެ ދިގު ރަންވޭއެއްވެސް އެތަނުގައި ތަރައްގީކޮށްފަ އެވެ. އަދި ބޮޑު ޖެޓީއެއްވެސް ވަނީ ހަދަން ފަށައިފަ އެވެ.
އަލްޖަޒީރާއިން ވަނީ މި އަސްކާރީ ބޭސްއާއި ގުޅޭ މައުލޫމާތު އެކަމުގެ މާހިރުންގެ ފަރާތުން އެއްކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ތިންކު ޓޭންކު، އޮބްޒާވާ ރިސާޗް ފައުންޑޭޗަންގެ އެސޯސިއޭޓެއް ބުނެފައިވަނީ މޮރިޝަސްގައި ހަދާ އެ ބޭސް ބޭނުން ކުރާނީ އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދަށް ޖާސޫސް ކުރަން ކަމަށެވެ. އެ ސަރަހައްދަކީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަަހައްދެކެވެ.
އަގެލޭގާ ގައި ތަރައްގީ ކުރާ ރަންވޭއަށް ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓުވެސް ޖެއްސޭނެ ކަމަށް އަލްޖަޒީރާގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އަލްޖަޒީރާއިން މައުލޫމާތު ހޯދި އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީގެ ނެޝަނަލް ސެކިއުރިޓީ ކޮލެޖުގެ ޕްރޮފެސަރު ސަމުއެލް ބަޝްފީލްޑް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ވާދަވެރިކަން ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިތުރުވެފައިވާ ކަމަށެވެ. މޮރިޝަސްގެ އަގެލޭގާ ސަރަަހައްދަކީ އިންޑިއާ ކަނޑަށް އަތް ގަދަ ކުރަން މުހިންމު ތަނެއް ކަަމަށާއި އިންޑިއާއިން އެތަނުގައި އަސްކަރީ ބޭސްއެއް ގާއިމް ކުރުމުން އިންޑިއާއަށް އެ ފުރުސަތު ބޮޑުވެގެން ދާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަގެލޭގާގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ތަރައްގީ ކުރަމުން އަންނަނީ އެކަމަށްޓަކައި ފާޅުގައި އެއްބަސްވުމެއް ގާއިމް ކޮށްގެނެއް ނޫނެވެ. އެހެންނަމަވެސް އެ ރަށުގައި އެކި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި ވަކިން އޮންނަ އަގެލޭގާ އާއި މޮރިޝަސްގެ އެހެން ރަށްތައް ގުޅުވައިލުމުގެ މަޝްރޫއަށް މޮރިޝަސް ސަރުކާރާއިއެކު އިންޑިއާއިން އެއްބަސްވުމެއް ގާއިމް ކުރި އެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
މޮރިޝަސް ސަރުކާރުން މިމައްސަލައިގައި މީގެ ކުރިން ވާހަކަ ދެއްކި އެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ވިދާޅުވީ އިންޑިއާ އަސްކަރީ ބޭސްއެއް އެގައުމުގައި ގާއިމް ނުކުރާނެ ކަމަށެވެ. އެކަމަށްޓަކައި އެއްބަސްވުމެއްވެސް ހަދާފައި ނުވާކަމަށެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ރަންވޭއާއި ޖެޓީފަދަ ތަންތަން ތަރައްގީ ކުރަނީ އިންޑިއާގެ އުޅަނދުތަކަށް އެތަންތަނުން ހިދުމަތް ހޯދަން ފަސޭހައަކަށެވެ.
އިންޑިއާއިން ގެންދަނީ އޭޝިއާ ސަރަހައްދުގައި ހިމެނޭ ގިނަ ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ މީޑިއާއަކުން މީގެ ކުރިން ވަނީ ރާއްޖޭގައި އިންޑިއާ އަސްކަރީ ބޭސްއެއް ތަރައްގީ ކުރާކަމުގެ ތުހުމަތުތަކެއް ކޮށްފަ އެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން އެކަން ވަނީ ދޮގުކޮށްފަ އެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ހަތިޔާރާއިއެކު ތިބިކަމުގެ ތުހުމަތު ކުރެވެ އެވެ. އެކަން ދިވެހި ސިފައިން ދޮގުކުރެ އެވެ.