އަންނަ އެޕްރީލް މަހުގެ އެކަކުން ފެށިގެން މެލޭޝިއާގެ ބޯޑަރު ހުޅުވާލަން ނިންމަވާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ވިދާޅުވެއްޖެ އެވެ.
އިއްޔެ އެކަން ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވިދާޅުވީ މި ބަދަލާއެކު އެގައުމަށް އެތެރެވާއިރު ސައްހަ ޓްރެވަލް ޑޮކިއުމެންޓުތައް ބޭނުންވާނެ ކަމަށެވެ. އަދި މެލޭޝިޔާގެ ރައްޔިތުންނަށްވެސް އެއްވެސް ދައްޗަކާ ނުލައި އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މެލޭޝިއާއަށް އެތެރެވާއިރު ދެ ދުވަސް ކުރިން ނަގާފައިވާ ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ގެންނަންޖެހޭނެކަމަށް ވެސް ވިދާޅުވި އެވެ.އަދި އެ ގައުމަށް އެތެރެވުމަށްފަހު 24 ގަޑިއިރުތެރޭގައި ރެޕިޑް އެންޓިޖެން ޓެސްޓު ކިޓެއް ބޭނުންކޮށްގެން ކޮވިޑް ޓެސްޓު ކުރަންޖެހޭނެއެވެ. މީގެ އިތުރުން އެހެން ގައުމުތަކުގެ މީހުން އެގައުމަށް އެތެރެވާއިރު އެގައުމުގައި ކޮންޓެކްޓް ޓްރޭސިންއަށް ބޭނުންވާ އެޕްލިކޭޝަން ޑައުންލޯޑްކުރަންޖެހޭނެ ކަމަށާއި ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީން މުއްދަތު ފުރިހަމަކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމުތަކަށް ދަތުރުކުރުމުގައި އަމަލުކުރާނެ އުސޫލުތައްވެސް އާންމުކުރައްވާނެ ކަމަށް ބޮޑުވަޒީރު ސަބްރީ ވިދާޅުވިއެވެ.
އެގައުމުގެ ޓޫރިޒަމް އެންޑް ކަލްޗަރ މިނިސްޓަރ ވަނީ މެލޭޝިއާއިން ބޯޑަރ ހުޅުވާލުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އަބަދުވެސް އެގައުމުގެ ބޭރުގެ ޓޫރިސްޓުންނަށް މަރުހަބާކިޔާނެކަމަށް ވިދާޅުވި އެވެ. މެލޭޝިއާގެ ބޯޑަރު ބަންދު ކުރީ ކޮވިޑް-19އާއި ގުޅިގެންނެނެވެ.