އެމެރިކާއިން ދުނިޔޭގެ 100 ގައުމަކަށް، ކޮވިޑް-19 ދިފާއު ވެކްސިންގެ 500 މިލިއަން ޑޯޒް ހަދިޔާކުރަން ނިންމައިފި އެވެ.
އެމެރިކާގެ ވެކްސިން އުފައްދާ ބައޯއެންޓެކް އާއި ފައިޒާ އާއިއެކު އެގައުމުގެ ސަރުކާރުން މިހާރު ވަނީ 500 މިލިއަން ޑޯޒް ވެކްސިން އުފެއްދުމުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެމެރިކާ ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި މި ވެކްސިން ބަހައި ނިންމާށެވެ.
ވެކްސިން ހަދިޔާކުރާ 100 ގައުމު އެކުލަވައިލަނީ ކުޑަ އާމްދަނީ ލިބޭ ގައުމުތަކަށް ބެލުމަށްފަހު އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ޖޯ ބައިޑެން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެބަ އޮތް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި އެކަމުގެ އިތުރު ތަފްސީލު ދެއްވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރު އެމެރިކާއިން ހަދިޔާ ކުރާނީ 200 މިލިއަން ޑޯޒް އެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި ބާކީ 300 މިލިއަން ޑޯޒް ހަދިޔާ ކުރާނެ އެވެ. މި ވެކްސިނަށް ކުންފުނިތަކަށް ފައިސާ ދައްކާނީ ވިޔަފާރި އަގުގައި ނޫން ކަމަށްވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
އެމެރިކާގައި ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހަލުވިކަމާއިއެކު ކުރިއަށް ގެންގޮސް ގިނަ ބަޔަކަށް މިހާރު ވަނީ ވެކްސިން ދީ ނިމިފަ އެވެ. ހާލަތު އެންމެ ބޮޑަށް ގޯސްވެފައި އޮތް އެމެރިކާގައި ކޮވިޑް ނަމްބަރުތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.
ވެކްސިންގެ ދަތިކަން މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ބްރެޒިލްގެ އިތުރުން އިންޑިއާ އާއި އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކަށެވެ. މި ސަރަހައްދުގެ ގައުމުތަކުގައި އަދިވެސް ބަލި އަންނަނީ ފެތުރެމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާ ގޮތުގައި، މުޅި ދުނިޔޭގެ އެންމެނަށް ވެކްސިން ދިނުމަށްޓަކައި، 11 ބިލިއަން ޑޯޒް ވެކްސިން ބޭނުންވާނެ އެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން، އދ.ގެ ކޮވެކްސް ޕްރޮގްރާމަށް 80 މިލިއަން ޑޯޒް ދޭނެ ކަމަށް، މިދިޔަ ހަފުތާގައި އެމެރިކާ އިން އިއުލާން ކުރި އެވެ.
+1
+1
+1
+1
+1
+1