ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ މޫނު މަތީގައި ޖެހި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ފްރާންސްގެ ވެލަންސްގެ ކޯޓެއްގައި މިމައްސަލައިގެ ޝަރީއަށް ކުރިއަށް ގެންދިޔައިރު 28 އަހަރުގެ ޑޭމިއެން ޓެރެލް ބުނީ ރައީސް މެކްރޮންގެ މޫނު މަތީގައި ޖެހުނީ ބޭއިހްތިޔާރުގަ އެވެ. އަދި ޖެހި ސަބަބެއް ކަމުގައި އޭނާ ބުނީ ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވަމުން ދާތީ ކަމަށެވެ.
އެ މައްސަލާގައި ޓެރެލް ހަތަރު މަހަށް ޖަލަށް ލުމުގެ އިތުރުން، އޭނާ ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ތިން އަހަރު ވަންދެން ހަތިޔާރު ގަތުންވެސް ވަނީ މަނާކޮށްފަ އެވެ.
މިމައްސަލައިގައި އެހެން މީހަކުވެސް ހައްޔަރު ކުރި އެވެ. އެމީހާގެ ގެއިން ބައެއް ހަތިޔާރު ފެނިފައިވެ އެވެ. މީގެ އިތުރުން އެޑޮލްފް ހިޓްލަރުގެ ކުރީގެ މެނިފެސްޓޯއެއްވެސް ފެނިފައި ވެއެވެ. އެހެންކަމުން އޭނާގެ މައްޗަށް އެހެން ތާރީހެއްގައި ހުކުމް ކުރާނެ ކަމަށް ޕްރޮސެކިއުޓަރުން ވަނީ ވިދާޅުވެފަ އެވެ.
މެކްރޮންގެ މޫނުމަތީގައި ޖެހި މައްސަލައާއި ގުޅިގެން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް ޑިމޮކްރަސީއެއް އޮންނަ ގައުމެއްގައި ހަމަނުޖެހުން ހިނގައިގެންވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
މެކްރޮންގެ މޫނުމަތީގައި ޖެހީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނާތީ ރެސްޓޯރެންޓުތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެންނެވުމުންނެވެ.
މެކްރޮންގެ މޫނުމަތީގައި ޖެހި ޓެރެލް ހުރީ ބެރިއަރެއްގެ ފަހަތުގަ އެވެ. އޭނާ ޖެހުމުގެ ކުރިން ކޮންމެވެސް އެއްޗެކޭ މެކްރޮން ކައިރީގައި ބުނާ ތަން ވީޑިއޯއިން ފެނެ އެވެ. ޓެރެލް ޖަހަނީ ކުއްލިއަކަށެވެ. ހަމަ ޖެހުމާއިއެކުހެން ސެކިއުރިޓީން ވަނީ އޭނާ ހިފަހައްޓައިފަ އެވެ. ވަގުތުން އޭނާ ހައްޔަރު ކުރި އެވެ.
+1
+1
+1
+1
+1
+1