ޕާކިސްތާންގެ ތެހްރީކް-އީ-އިންސާފު (ޕީޓީއައި) ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމުން ޕާކިސްތާނުގައި ހަމަނުޖެހުން އިތުރުވެ އިމާރާތްތަކަށް ގެއްލުންދެމުންގެންދާ ކަމަށް އެގއުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އިމްރާން ހައްޔަރުކުރި ފަހުން ސިފައިންގެ މުދަލަށާއި އިމާރާތްތަކަށް އެކި ފަރާތްތަކުން ގެއްލުން ދެމުންދާ ކަމަށެވެ.
އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުގައި މިމަހުގެ 9 ވަނަ ދުވަހު އެވެ.
އިމްރާން ޚާން ހައްޔަރުކުރި ފަހުން ރޭވިގެން ސިފައިންގެ އިމާރާތްތަކަށް އަންނަނީ ގެއްލުން ދެމުން ކަމަށާއި އަދި ސިފައިންނާއި ދެކޮޅު ސްލޯގަންތައް ފަތުރަމުން ދާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ސިފައިންނަށް އަމާޒުކުރާ ހަމަލާތަކަކީ ގައުމުގެ ދުޝްމަނުންނަށް ހޯދައިދެވޭ ކާމިޔާބެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ކަރާޗީއާއި، ލާހޯރާއި، ރާވަލްޕިންޑީ އަދި ޕެޝާވަރުގައި އޭނާއަށް ތާޢީދުކުރާ މީހުން ދަނީ މުޒާހަރާކޮށް، ސަލާމަތީ ބާރުތަކާ ކުރިމަތިލަމުންނެވެ. އިމްރާން ޚާންގެ ތަހްރީކް އަލް-އިންސާފު (ޕީ.ޓީ.އައި) ޕާޓީން ވަނީ އިމްރާން ޚާން މިނިވަން ކުރުމަށް ގޮވައިލާ އިސްލާމްއާބާދުގައި މުޒާހަރާ ކުރުމަށް އޭނާއަށް ތާއީދުކުރާ މީހުންނަށް ގޮވައިލާފައެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި، މުޒާހަރާ ކުރަމުންދާ މީހުން ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭހާއި ވޯޓަރ ކެނަން ފަދަ ހަތިޔާރު ބޭނުންކުރަމުންނެވެ.
އިމްރާން ޚާން ވެރިކަމުން ދުރުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ގައުމުގެ ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކަށް ފަހުއެވެ.
އޭގެ ފަހުން އޭނާ ގެންދަވަނީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ އެ ގައުމުގެ ގައުމީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.