ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖާ މުޢާޒު ޢަލީ އެ ކުންފުނިން ސަސްޕެންޑްކޮށްފި އެވެ.
މި ނިންމުމާއި ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖާ މުޙައްމަދު ޝަމީމާއި ހަވާލުކޮށްފައި ކަމަށާއި އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއާ ޢުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިފްކޯ އިން ބުނީ ހިނގައިގެން އުޅޭ މައްސަލަތަކާ އެ ކުންފުންޏާއި ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށެވެ. އަދި ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫހެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.
ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުއާޒާއެކު އިތުރު ތިން މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ފުލުހުން ބުނީ، އެ ހަތަރު މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް ޖެހިއިރު، 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށެވެ. އަދި އުމުރުން 40 އަހަރުގެ ޒިވާރު ވެސް 15 ދުވަހަށް ބަންދުކުރިއިރު، 48 އަހަރުގެ މުއާޒް ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.
މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުޢާޒު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.