ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ތެރެއިން ބައެއް ޕާކިން ސިސްޓަމްތައް މަރާމާތުކުރުމަށްފަހު، އެ ތަންތަން އޮޕަރޭޓްކޮށް ހިންގާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާނުކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ނިރޮޅުމަގުގައި ހުރި ދެ ޕާކިން ސިސްޓަމާއި، ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމުގެ އިތުރުން، ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމް މަރާމާތުކޮށްގެން ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
މި މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތުކޮށް ބޭނުންކުރަން ފެށުމަށް އެޗްޑީސީން ތައްޔާރުވަމުންދާއިރު، މި ޕާކިން ސިސްޓަމްތައް ބޭނުންކުރަން ފެށުމުން ޕާކްކުރުމަށް މިހާރުއޮތް ދަތިކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނޭކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
މާލެ އާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު އެ ސިސްޓަމްތައް ބޭނުންނުކޮށް ހުރުމުން މިހާރު ވަނީ ދަބަރަށްވެފައެވެ. އެ ޕާކިން ސިސްޓަމް ބޭނުންނުކޮށް ހުރުމުގެ ސަބަބުން ދަބަރު ޖަހާފައިވުމުން މީގެ ކުރިންވެސް އެޗްޑީސީން ވަނީ މަރާމާތުކޮށްފައެވެ.
ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ މަސައްކަތް ހުރީ އެއްކޮށް ނުނިންމައެވެ. އެ މަސައްކަތް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ޗޭނުތައް ކަނޑައިގެން ގޮސް، ބައެއް ސިސްޓަމުތަކުގައި ދަބަރު ޖަަހައި ކަރަންޓު ސާމަނަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު މިހާރު ހުޅުމާލެއަށް ވެސް ވަނީ ވެހިކަލް ގިނަވެ ޕާކް ކުރުމަށް ޖާގަ ނުލިބުމުގެ މައްސަލަ ކުރިމަތިވެފައެވެ.
މި ޕާކިން ސިސްޓަމްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހު އެކަމަށް އެދި ހުށާހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި އެކަމަށް އެދި ޕްރޮޕޯސަލް ހުޅުވުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.