މިދިޔަ ހޮނިހިރު ދުވަހު ށ. ފަރުކޮޅުން ފެނުނު ކިނބޫ ބޭރު ކަނޑަށް އިއްޔެ ދޫކޮށްލައިފިއެވެ.
ށ. ފުނަދުއާ އެއްފަޅެއްގައި އޮންނަ ފަރުކޮޅަށް ގޮސް އުޅުނު ބަޔަކަށް ވަނީ އެ ރަށުން 10 ފޫޓުގެ ބޮޑު ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ހިފުމަށް ފަހު، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ސިފައިންނާ ހަވާލުކޮށްފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެގެ ވަގުތެެއްގައި ކިނބޫ ބޭރު ކަނޑަށް ދޫކޮށްލާފައިވާ ކަމަށާއި ކިނބޫ ދޫކޮށްލީ އޮއިވަރު ހުރިގޮތް ބެލުމަށް ފަހު، އެނބުރި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަވާގޮތަށް ބޭރު ކަނޑަށް ކަމަށެވެ.
އެ ކިނބޫ ފެނުނު މީހުންގެ ތެރޭގައި ހިމެނޭ، ފުނަދުއަށް ނިސްބަތްވާ އަހުމަދު ރާޒީ "ސަން"އަށް މީގެ ކުރިން ބުނީ އޭތި ފެނުނީ އޭނާއާއި ދެ އެކުވެރިއަކު އެ ރަށަށް ކާށި ހޮވަން ގޮސް އުޅެނިކޮށް ކަމަށެވެ. ރާޒީ ބުނި ގޮތުގައި އެ މީހުން އެ ރަށަށް ދިޔައީ ހޮނިހިރު ދުވަހުގެ 15:30 ހާއިރެވެ.
ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ކައިރިން ވެސް މިދިޔަ މަހު ފަހުކޮޅު ކިނބުލެއް ފެނިފައިވެއެވެ. ނުވަ ފޫޓުގެ އެ ދިގު ކިނބޫ ހިފީ ސިފައިން އެ ރަށަށް ގޮސްގެންނެވެ.
އެ ކިނބޫ ހިފުމަށް ފަހު ވެސް ސިފައިން ވަނީ ބޭރު ކަނޑަށް ދޫކޮށްލައިފައެވެ.