ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގޮވާލައިފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އެގޮތުން އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ނުވަތަ އާންމު ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިއަސް ނުދިނުމާ ނުވަތަ ދޭން ހުށަނޭޅުމާ ވައުދުނުވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ މަންފާއެއް ނުވަތަ އެ ނޫން އެއްވެސް ބާވަތެއްގެ އެއްޗެއް ފޯރުކޮށްދޭނެ ކަމަށް ސީދާގޮތުން ނުވަތަ ނުސީދާ ގޮތަކުން ވިޔަސް ވައުދުވުން ކަހަލަ ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަން ނުހިންގުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުންނުކުރުމަށް ވެސް އޭސީސީން ގޮވާލިއެވެ.
އޭސީސީން ވަނީ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ. އެގޮތުން ކޮމިޝަނުގެ ވެބްސައިޓުގައި އިންތިހާބާ ގުޅޭ ހާއްސަ ޕޯޓަލެއް ހިމެނިފައިވާނެ ކަމަށް ވެސް އޭސީސީން ބުނެއެވެ.