ޝަރުއީ ދާއިރާ އާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ ބައެއް މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާޢި ފަނޑިޔާރުންނާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާޢި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
މަޖިލީހުން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރީ 49 މެންބަރުންގެ ތާއީދު ވޯޓާ އެކު އެވެ.
ޖުޑިޝަރީގެ މުސާރަ އާއި އިނާޔަތްތަކަށް ގެނައި ބަދަލުތައް
- ސުޕްރީމް ކޯޓުގެ ފަނޑިޔާރު: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 72،000 ރުފިޔާ | ބޮޑުކުރި އަދަދު: 89،000 ރުފިޔާ
- ހައިކޯޓުގެ އިސްފަނޑިޔާރު: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 57،300 ރުފިޔާ | ބޮޑުކުރި އަދަދު: 70،000 ރުފިޔާ
- ހައިކޯޓުގެ ފަނޑިޔާރު: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 55،300 ރުފިޔާ | ބޮޑުކުރި އަދަދު: 68،000 ރުފިޔާ
- ކްރިމިނަލް ކޯޓުގެ އިސްގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 50،300 ރުފިޔާ | ބޮޑުކުރި އަދަދު: 62،000 ރުފިޔާ
- ކްރިމިނަލް ކޯޓުގެ ގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 49،300 ރުފިޔާ | ބޮޑުކުރި އަދަދު: 60،000 ރުފިޔާ
- ޑްރަގް ކޯޓުގެ އިސްގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 50،300 ރުފިޔާ | ބޮޑުކުރި އަދަދު: 62،000 ރުފިޔާ
- ޑްރަގު ކޯޓުގެ ގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 49،300 ރުފިޔާ | ބޮޑުކުރި އަދަދު: 60،000 ރުފިޔާ
- ސިވިލް ކޯޓުގެ އިސްގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 48،650 ރުފިޔާ | ބޮޑުކުރި އަދަދު: 62،000 ރުފިޔާ
- ސިވިލް ކޯޓުގެ ގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 47،650 ރުފިޔާ | ބޮޑުކުރި އަދަދު: 60،000 ރުފިޔާ
- ޖުވެނައިލް ކޯޓުގެ އިސްގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 48،650 ރުފިޔާ | ބޮޑުކުރި އަދަދު: 62،000 ރުފިޔާ
- ޖުވެނައިލް ކޯޓުގެ ގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 47،650 ރުފިޔާ | ބޮޑުކުރި އަދަދު: 60،000 ރުފިޔާ
- ފެމިލީ ކޯޓުގެ އިސްގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 48،375 ރުފިޔާ | ބޮޑުކުރި އަދަދު: 62،000 ރުފިޔާ
- ފެމިލީ ކޯޓުގެ ގާޒީ: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 47،375 ރުފިޔާ | ބޮޑުކުރި އަދަދު: 60،000 ރުފިޔާ
މީގެ އިތުރުން މެޖިސްޓްރޭޓް އާއި ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މުސާރަ ބޮޑުކުރަންވެސް މަޖިލީހުން މިއަދު ނިންމާފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލު
- ސިޓީ ކައުންސިލްތަކުގެ ރައީސް / މޭޔަރު: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 40،000 ރުފިޔާ | ބޮޑުކުރި އަދަދު: 46،000 ރުފިޔާ
- ސިޓީ ކައުންސިލްތަކުގެ ނައިބު ރައީސް / ޑެޕިއުޓީ މޭޔަރު: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 35،000 ރުފިޔާ | ބޮޑުކުރި އަދަދު: 40،500 ރުފިޔާ
- އަތޮޅު ކައުންސިލްތަކުގެ ރައީސުން: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 28،000 ރުފިޔާ | ބޮޑުކުރި އަދަދު: 33،000 ރުފިޔާ
- ސިޓީ ކައުންސިލްތަކުގެ މެންބަރުން: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 30،000 ރުފިޔާ | ބޮޑުކުރި އަދަދު: 35،000 ރުފިޔާ
- ރަށު ކައުންސިލްތަކުގެ ރައީސުން: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 20،000 ރުފިޔާ | ބޮޑުކުރި އަދަދު: 25،500 ރުފިޔާ
- ރަށު ކައުންސިލްތަކުގެ ނައިބު ރައީސުން: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 15،000 ރުފިޔާ | ބޮޑުކުރި އަދަދު: 20،000 ރުފިޔާ
- ރަށު ކައުންސިލްތަކުގެ މެންބަރުން: ކުރިން ލިބުނު މުސާރަ އާއި އެލަވަންސް: 13،000 ރުފިޔާ | ބޮޑުކުރި އަދަދު: 18،000 ރުފިޔާ
އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ މެންބަރުންނަކީ ކޮންމެވެސް ރަށެއްގެ ރައީސަކަށް ވާތީ އެ މަގާމުތަކުގެ މުސާރައަށް ބަދަލު ގެންނަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރަ ބޮޑުކުރަން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މިއިން ކޮންމެ މަގާމެއް އަދާކުރައްވާ ބޭފުޅަކަށްވެސް މުސާރަ އާއި އިނާޔަތްތަކާއެކު މިހާރު މަހަކު 58،500 ރުފިޔާ ލިބިވަޑައިގަންނަވާއިރު މިއިން ކޮންމެ މަގާމެއްގެ މުސާރަ އިނާޔަތްތަކާއެކު 74،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.