ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވުނުން ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް އިންތިޚާބު ބާއްވަން ނިނާގައޮތް ނިންމުން ބަދަލުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މަޖިލިސް އިންތިހާބު މާޗް 17މާޗު ބާއްވަން ހަމަޖައްސާފައި ވާއިރު، ރައްޔިތުންގެ މަޖިލިހުން އިއްޔެވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ރައީސަށް މަޖުބޫރު ވާގޮތަށް އެބިލް އަލުން ފާސްކޮށްފައެވެ.
ފާސްކުރި ގާނޫނުގައި ވާގޮތުން އިންތިޚާބު ބާއްވަން ޖެހެނީ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުންނެވެ.
އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު ވިދާޅުވީ ގޮތުގައި އިލެކްޝަން ކޮމިޝަނުން ކުރިން ވެސް ނިންމާފައިވާ ގޮތަށް އިންތިހާބު މި ފެށޭ މަހުގެ 17 ވަނަ ދުވަހު ބާއްވާނެ އެވެ. އެކަމަކު، މިއަދު ނުވަތަ މާދަމާ ވެސް ބިލް ތަސްދީގު ކުރާ ހިސާބުން ގާނޫނާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.
މާޗް17ގައި އިންތިހާބު ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ވޯޓާސް ލިސްޓް އާންމު ކުރުމާއި ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ހަބީބު ވިދާޅުވި އެވެ.
"އަދި އޮތީ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް، އެއަށް އަމަލު ކުރުން ލާޒިމެއް ނުވޭ. ނަމަވެސް ރައީސް ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ހިސާބުން އަޅުގަނޑުމެން އެކަމުގައި [ތާރީހާ މެދު] ގޮތެއް ނިންމާނަން،" ހަބީބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފައިވަނީ އިއްޔެއެވެ.