ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓު އަންހެނުންނަށް ޚާއްސަ ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
އެ ބިލުގައި ވާގޮތުން މިއީ، މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ މަސްލަހަތާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުތަކުގައި އަންހެނުންގެ ބަސް ހިމެނުމަށްޓަކައި ހުށަހެޅި ބިލެކެވެ.
އަދި، ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅިވާލަދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަކީ މި ބިލް ހުށަހެޅި ސަބަބެއް ކަމަށް ބިލުގައިވެއެވެ.
މި ބިލުގައި ވަނީ، ޤާނޫނު އަސާސީގެ 71 ވަނަ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.
އެގޮތުން (ނ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ މާއްދާގެދަށުން ކަނޑައަޅާ މެންބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓު އަންހެނުންނަށް ޚާއްސަކުރުމަށް އެދި މާއްދާއެއް އިތުރުކުރުމަށް އެދިފައި ވެއެވެ.
އެ މާއްދާގެ (ރ) ގެ ގޮތުގައި އިތުރުކުރަން އެދިފައިވާ މާއްދާގައި ވަނީ، އަންހެނުން އިންތޚާބު ކުރާ ދައިރާތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ. އަދި، އިންތިޚާބުގައި އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލުގެ ދަށުން ކަނޑައަޅާ ދާއިރާތައް ހަމަހަމަވާނެ އުސޫލުން ދައުރުވަމުން ދާނެ ގޮތަކަށް ކަމަށް ވެސް ބަޔަންކޮށްފައި ވެއެވެ.
އަންހެން މެންބަރުންނަށް ކޯޓާ ކަނޑައެޅުމަށް ފަހު އެ ކޯޓާގެ ދަށުން މަޖިލީހުގެ ދައުރު ހަމަކުރުމުން އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިޚާބު ކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް (ބ) ގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިންގާ ދައުރުގައި މެންބަރުންގެ ގޮތުގައި ތިއްބެވީ ހަތަރު އަންހެން މެންބަރުންނެވެ. އަދި އެޕްރިލް 21ގައި ބާއްވާ 20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ނިސްބަތަކީ 10 ޕަސަންޓު ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެއީ، 41 އަންހެން ކެންޑިޑޭޓުންނެވެ.