ރަނގަޅުގޮތަކީ ނަމާދުކުރާ އަޑު މިސްކިތުގެ ބޭރަށް ނުބެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އިބްރާހީމް އިސްމާއިލް (އިބްރާ) އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. އިސްލާމިކް މިނިސްޓަރު ޝަހީމް ޓެގްކުރައްވާ އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެގޭދޮށު ގޭގޭގެ މީހުނަށް ޢިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީޙް ނަމާދުކޮށް ނިމުނީމައެވެ. އަދި އެއީ ކޮންމެ ރޯދަމަހެއްގެވެސް ޙާލު ކަމަށެވެ.
އަދި އެވާހަކަ އެތައް ފަހަރަކު އިސްލާމިކް މިނިސްޓްރީގައި ބުނެވިއްޖެ ކަމަށާއި، ދެދުވަހަކަށް މެދުކެނޑިފައި އަނެއްކާ ފެށޭނެ ކަމަށެވެ. އަދި ދެންއޮތްގޮތަކީ މިކަން އަމިއްލައަށް ޙައްލުކުރުން ކަމަށް އެކްސްގައި ކުރި ޕޯސްޓުގައި އިބްރާ ވަނީ ވިދާޅުވެފައެވެ.
"ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ރަނގަޅީ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ،" އިބްރާހީމް އިސްމާއީލްގެ ޕޯސްޓާއި ގުޅިގެން ޝަހީމް ވިދާޅުވި އެވެ.
އިބްރާގެ ޕޯސްޓާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ރަނގަޅު ކަމަށެވެ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅު ކަމަށެވެ.
ނަމަވެސް ބަންގިއާއި ގަމަތް ބޭރަށް ހުއްޓަސް އެންމެ ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ މި ވާހަކައާއި ގުޅިގެން އިބްރާވަނީ މިސްކިތުން ކުރިޔަސް، ޢާންމު އުނދަގުލަކަށްވާގޮތަށް އަޑުގަދަ ކުރުމަކީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކުގެ ޤާނޫނާ ޚިލާފް ކަމެއް ކަމަށާއި، އެއީ ކުށެއް ކަމަށް ވިދާޅުވެފައެވެ. އަދި ތާޅަފިލިން ބޭރަށް އަޑުދީގެން ނަމާދުކުރުމަކީ ދީނާ ޚިލާފްކަމެއް ކަމަށާއި، އިސްލާމިކް މިނިސްޓްރީއިން އެކަން ހުއްޓުވެންވާނެ ކަމަށް އިބްރާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.