ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭގެ މަގުތައް މަތީގައި ކުނި ބެހެއްޓުމުގެ މައްސަލަ ބޮޑުވެފައިވާއިރު ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ވަނީ ގިނަ އަދަދަކަށް ކުނި އަޅާފައެވެ.
މާލެ އާއި ހުޅުމާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުން ޖޫރިމަނާކުރެއެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500 ރުފިޔާއިންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ހަތަރު ގަޑިއިރު ތެރޭގައި 22.5 ޓަނުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށެވެ. އަދި ފާއިތުވި 16 ދުވަސްތެރޭ މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ރޯދައަށް ގޭތެރެ ސާފުކޮށް ގޭގައި ގެންގުޅޭ ފަރުނީޗަރާއި އެހެނިހެން ތަކެތި ވަނީ މަގުތަކަށް ނެރިފައެވެ. އެހެންކަމުން އެތަކެތި ނެގުމުގައި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.