ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެ އެވެ.
މީހަކު ކުރާ ވަކި ކަމެއްގެ ސަބަބުން ނުވަތަ ބުނާ ބަހަކުން އެމީހަކީ ލާދީނީ މީހެއްކަމަށް ބުނެ އާންމު ތަނެއްގައި ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައަޅަން ހުށަހަޅާފައިވާ މި އިސްލާހުގެ ބަހުސް މަރުހަލާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ފަށައިފަ އެވެ. ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ދޮންބިލެއް ވިދާޅުވީ ސަރުކާރުން މިފަދަ ކޮންމެ ބިލެއްވެސް ހުށަހަޅަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާއިއެކުވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެކަމުގައި ޕާޓީތަކުގެ ލީޑަރުންގެ ރައުޔުވެސް ހޯއްދަވާކަމަށް ދޮންބިލެއް ވިދާޅުވި އެވެ.
އެހެންނަމަވެސް ބިލު މަޖިލީހަށް ރަނގަޅަށް ނުވައްދައި އުޅެނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބިލާ ދެކޮޅު ހައްދަވައި "ފިތުނަ އުފެއްދުމުގެ" ބަޔާނެއް ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.
މިއީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން. މިބިލުގަ އޮތް ވާހަކައެއްވެސް ނޫން ދައްކާފައި އޮތީ
- މެމްބަރު އަހުމަދު ހަލީމް
ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން މެމްބަރު ވިދާޅުވީ ކޯލިޝަންގެ ތެރޭގައި "ދީނީ ކަމަށް ބެލެވޭގޮތަށް އޮތް ޕާޓީ" އެއްކަމަށްވާ އަދާލަތު ޕާޓީވެސް އެބަ އޮތް ކަމަށާއި އޭގެ އިތުރުން ޖޭޕީއާއި އެމްއާރުއެމްގެ ޝާމިލުވުމާއިވެސް އެކު މި ބިލު ހުށަހެޅިގެން ދާއިރު ހަމައެކަނި އެމްޑީޕީ، ހާއްސަކޮށް ބިލު ހުށަހެޅުއްވި މެމްބަރަކީވެސް ލާދީނީ މެމްބަރަކަށް ހަދައިގެން މިއަދު ވާހަކަ ދައްކަމުން ދާކަމަށެވެ. މިބިލަކީ އަނިޔާވެރިކަމާއި މީހުން މެރުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައި ދޮންބިލެއް ސިފަ ކުރެއްވި އެވެ.
އިސްލާމް ދީނަށް ހަޖޫ ޖެހުމާއި ދީނާ ހިލާފު ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރެއް އޮވެގެން އަދި އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިއްބަވައި އެކަން އެގޮތަށް ކުރިޔަ ނުދޭނެ ކަމަށް ދޮންބިލެއް ވިދާޅުވި އެވެ. އަދި މީގެ ކުރިންވެސް ދީނަށް ފުރައްސާރަ ކުރުމުގެ ޖާގަ ސަރުކާރުން ދީފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ދެން ދީނީ ބޭފުޅުންނޭ ކިޔައިގެން އުޅުއްވާ ބޭފުޅުން ނިކުމެ އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި އޭގެ ތެރެއިން ގޮސް އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް އެއީ ލާދީނީ ކަމަށް ހަދައި، އެމްޑީޕީގަ އުޅޭ ކޮންމެ މީހަކީ ލާދީނީ މީހަކަށް ހަދަމުން އެދަނީ. އެންމެ ފަހުން އޭގެ ނަތީޖާއަކަށް ވެގެން މިދަނީ ނުކުމެ ވަރަށް އާދައިގެ ކުދިން ކުއްލިއަކަށް އިސްލާމްދީނަށް އުޅޭ ކުދިން މާބޮޑަށް ދީނީ ކުދިންނަށް ވެގެން އުޅެ މިކަންކަން އެކުދިންގެ ބޮލަށް ވައްދައިގެން މިދަނީ މީހުން މަރާ ހިސާބަށް
- މެމްބަރު އަހުމަދު ހަލީމް
ދޮންބިލެއް ވިދާޅުވީ މިހާރު ރާއްޖޭގައި ދޮގު ފަތުވާ ދީގެން އެކި ނަންނަމުގައި މީހުން މަރަމުން ދާކަމަށެވެ. ލާދީނީއޭ ގޮވުމަކީ އިސްލާމް ދީނަށް ކުރާ ފުރައްސާރައެއް ކަމަށާއި އެހެންކަމުން އަލަށް ހުށަހެޅޭ އިސްލާހަކީ ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ހުށަހެޅިފައިވާ އިސްލާހެއްކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރުގެ ވާހަކަ ނިންމަވައިލެއްވުމުގެ ކުރިން ވަނީ ސަރުކާރުން ހުށަހަޅާ ބިލުތަކާއިމެދު ފިތުނަ އުފެދޭގޮތަށް ކޯލިޝަން ޕާޓީތަކުން ވާހަކަ ދައްކާތީ އެ ޕާޓީތައް ކޯލިޝަނުން ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ. އަދި ވިދާޅުވީ މިފަދަ ބޮޑެތި ބިލުތަށް ސަރުކާރުން މަޖިލީހަށް ފޮނުވާއިރު ކޯލިޝަން ޕާޓީތަކާއި މަޝްވަރާނުކޮށް ނުފޮނުވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ދޮންބިލެއް މިފަދައިން ވިދާޅުވިއިރު ހިސާން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން އަދާލަތު ޕާޓީން އެބިލާއި ދެކޮޅުކަން ވަނީ ހާމަކުރައްވައިފަ އެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެބިލާއި ދެކޮޅުކަމަށް ވިދާޅުވެފަ އެވެ. ގިނަ ދީނީ އިލްމުވެރިންތަކެއް ދަނީ ގާނޫނުލް އުގޫބާތަށް ސަރުކާރުން ހުށަހެޅި ބިލުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް އަޑު އުފުލުމުގެ ފުރުސަތު ހަނިވެގެން ދާކަމަށް ވިދާޅުވެފަ އެވެ. ބިލު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ނިޔަތް ނޭނގި އެއްވެސް މީހަކީ ދީނާ ހިލާފު މީހެއްކަމަށް ކަނޑައެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އެއީ އިސްލާމް ދީނާވެސް ހިލާފު ކަމެއް ކަމަށެވެ.