ވެރިކަމުގެ މިދައުރުގެ ތެރޭގައި ދިވެހި ކޯސްޓްގާޑްގެ ގާބިލްކަން ދެގުނަ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އިމާރާތްތަކާއި ވަސީލަތްތަކާއި ސާމާނުތައް ވެސް ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ކޯސްޓުގެ ހާލަތު ބެއްލެވިއިރު ހާލަތު ވަރަށް ދަށެވެ. ގެންގުޅެނީ މަދު އުޅަނދުތަކަކަށްވާއިރު ބައެއް އުޅަނދުތައް ހުރީވެސް ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯސްޓުގާޑުގެ ގާބިލްކަން ދެގުނަ ކުރުމަށްޓަކައި ތުރުކީއާއި އެހެނިހެންވެސް އެކުވެރި ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދިވެހިން އަމިއްލައަށް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ޤައުމު ދިފާއުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެ ވެސް ވާޖިބެއް ކަމަށާއި، މިނިވަންކަމާއި ޤައުމުގެ ސިޔާދަތީ ކަންކަމުގައި ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަ ވެސް ޤައުމުގެ ހައްގުގައި އެއްގޮތްވާން ޖެހޭނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.