ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކައިގެން ތަރައްގީކުރި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރުގެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސާ، ސުވާލުކުރެވޭހެން ރައީސް އޮފީހުން ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު" ގެ މިއަދުގެ ސެގްމެންޓުގައި ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ މީހަކު ވަނީ ކަނބަލުންނަށް ކުޅިވަރު ކުޅެވޭނެ ކަހަލަ އިންތިޒާމެއް ހަމަޖެހިފައިނުވާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރެވޭނީ ކޮންއިރަކުންތޯ ރައީސާ އޭނާ ސުވާލުކުރިއެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ސަރަހައްދުގެ ގިނަ ކަންތައްތައް ހުރީ މީގެ ކުރިން ނުކޮށް ކަމަށާއި ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކުގެ އިތުރުން ހިތްފަސޭހަ މައިދާންތައް ހެދުމަށް މި ސަރުކާރުން އޮތީ ނިންމާފައި ކަމަށެވެ.
ގާތްގަނޑަކަށް އާބާދީގައި 10،000 އެއްހާ މީހުން ދިރިއުޅޭ ހުޅުމާލޭގައި އެންމެ ގިނަ އިންސައްތައެއް ދިރިއުޅެނީ ހިޔާ ސަރަހައްދުގައި ކަމަށްވާއިރު، ރައީސް ދެއްވި ޔަގީންކަމަކީ އެޗްޑީސީއާ އަދި އެހެނިހެން ފަރާތްތައް މެދުވެރިކޮށް އެފަދަ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމެވެ.
އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ ކަހަލަ ހޭންޑް ބޯލް ކޯޓުތަކާއި އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓުތައްވެސް ހިމެނޭނެ. އެހެންވީމަ ފޭސް ދޭއްގައި ވަރަށް އަވަހަށް އެކި ކަހަލަ ކުޅިވަރު ކުޅޭ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ފަށާނަން
ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ. އަމާޒު ހިފާފައިވަނީ އެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމަން ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.