އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖްތައް ތައާރަފްކޮށްފިއެވެ.
އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ވައުދުތަކުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ހާއްސަ ސިޔާސަތަކުގެ ދަށުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފްކޮށްފައިވަ ކަމަށެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުންނަށް ހަދަން ޖެހޭ ހާއްސަ ޓެސްޓުތައްވެސް ސަރުކާރުގެ ހޮސްޕިޓަލުތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސާފައިވާނެ ކަމަށް ބުނެފައިވެއެވެ.
ޖެނުއަރީ މަހު ތައާރަފްކުރި މެޑިކަލް ޗެކަޕް ފެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފައި ކަމަށް އާސަންދައިން ބުނެފައިވެއެވެ. އެގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
މިއަދުން ފެށިގެން އިތުރުކުރޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރާގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަ ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ކަމަށް ވެސް ބުނެފައިވެއެވެ.
އާސަންދައިން ބުނެފައިވަނީ ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ ކަމަށެވެ.
އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.