ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވީތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފިއެވެ.
ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާތީ ހުރިހާ މަސައްކަތެއް ވެސް ވީހާ ވެސް އަވަހަކަށް ފެށިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންވެ، މި މަހުން ފެށިގެން ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް، ނަޝީދު އެދިވަޑައިގެންނެވިއެވެ.
ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ރައީސް ކަން ނަޝީދު ކުރެއްވި އިރު، މި ދައުރު އަންނަ މަހު ހަމަވާނެއެވެ. ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވައެވެ. އެގޮތުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. އަދި މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާއެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވިއެވެ.
ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް 10،000ރ. ގެ އިނާޔަތް އުނި ކުރައްވައިފައެވެ.
އެހެންވެ، އެ މަނިކުފާނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑަގަންނަވަނީ 160،000ރ. އެވެ.
ނަޝީދު ވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވަން ބަދަލު ކުރައްވައިފައެވެ.