ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވަޢުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ ގާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށާއި، އެމަނިކުފާނު ބޭނުންވެލައްވަނީ އެކަމަށް އެއްބާރުލުން ދޭނެ މަޖިލީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި މަޖިލީހުގެ ދައުރުގެ މުހިންމުކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރާ އެއް ވިސްނުމެއް ނެތް ބަޔަކު އިންތިޚާބުކޮށްގެން އެ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށާއި އެގޮތުން، މިއަހަރުގެ ބަޖެޓު ފާސްކުރިއިރުވެސް އެމަނިކުފާނު ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުށަހެޅުއްވި ބަޖެޓު އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ބަދަލު ގެނެސް ފާސްކޮށްފައިވާ ކަމަށެވެ. މިހާރުގެ މަޖިލީހުން ފެނިވަޑައިގަންނަވަނީ ރާއްޖޭގައި އޮތީ ބަދަލުހިފުމުގެ ރޫހެއް ކަމަށާއި އެ ރޫހު ނައްތާލައި ހަމަޖެހުން ޤާއިމުވެފައިވާ ޤައުމެއް ބައްޓަން ކުރެއްވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހަމަޖެހުން ޤާއިމުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުން އެ ހަމަޖެހުން ޤާއިމުވާން ބޭނުންނުވާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި އެފަދަ ބަޔަކާ މަޖިލިސް ހަވާލުކޮށްފިނަމަ ރާއްޖެ އަނެއްކާވެސް ދާނީ ބަދަލު ހިފުމުގެ ރޫހެއްގެ ތެރެއަށް ކަމަށެވެ.
ރައީސް ވަނީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އަދި ދަރިންގެ މުސްތަގުބަލަށް ވިސްނައިގެން ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދުފުޅުތައް ފުއްދެވުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
+1
+1
+1
+1
+1
+1