މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީއަށް އަލުން މެޖޯރިޓީ ދީިފިނަމަ މާލޭ މީހުން މަގުމަތިވެދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން
ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަަށް ހައްލުގެންނަން ނަގަން ޖެހޭ ލޯނުތަކާއި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރެވޭނީވެސް އަދި ބޭނުންވާ ގާނޫނުތައްވެސް ފާސް ކުރެވޭނީ 20 ވަނަ މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކުރީގެ ސަރުކާރު ހިންގި ޕާޓީއަށްއޮވެ މާލެ ތަރައްޤީކުރަން ފުރުސަތު ލިބިވަޑައިގަތް ނަމަވެސް އެ ފުރުސަތު އެބޭފުޅުން ދޫކޮއްލެވީ ކަމާށާއި ނިމިދިޔަ 5 އަހަރު އެންޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދެވުނުކަމެއް ފެންނަން ނެތްކަމަށެވެ.
މިދިޔަ 5 އަހަރުގެ ތެރޭގައި މާލެއަށް ކަމެއް ކޮށްދެވުނީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި މުއްދަތުގައި ސިޓީ ކައުންސިލުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަމަށްވެސް އޭރު ސަރުކާރުގެ އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
މާލޭގެ އިތުރުން ޖުމްލަކޮށް މުޅިރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވަނީ މިދިޔަ ރިޔާސީ އިންތިޚާބު ބޯމަތިވުމުން ސަރުކާރުން މާލެ ކައިރީ ނުހިއްކާއޮތް ފަޅަކުން ގޯތިދިން ނަމަވެސް އެއީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރިކަމެއް ނޫންކަމަށެވެ.