ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަގައި އެ ކުއްޖާއަށް އަނިޔާދިން ކުދިން މިހާރު ދެނެގަނެވިފައިވާކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތުން ބަލަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިސްކިތެއްގެ ތެރޭ ކުޑަކުއްޖަކަށް އަނިޔާކޮށް ގަނާކޮށް ހުތުރުބަހުން ކުއްޖާއާ މުޢާމާލާތުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ ޢާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާއަށް އަނިޔާކުރަމުންދިޔައީ ދެ ކުޑަކުދިންނެވެ.
ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ބެލި ބެލުމުން އެއަމަލު ހިންގާފައިވަނީ އއ. ރަސްދޫ ގައިކަން ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލަ ފުލުހުންގެ ޚިދުމަތުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި ތަޙްޤީގުކުރަމުންނެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މި މައްސަލާގައި ކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުން ދެނެގަނެވިފައިވާ ކަމަށާއި މިމައްސަލާގައި މިހާރު ކުރަމުންދަނީ ޤާނޫނީ ގޮތުންކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަންކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމުގެ އިތުރުން މިފަދަ ކަންކަން މުޖުތަމަޢުގައި ހިންގާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅޭކަން ޔަޤީންކުރައްވާނެކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ސީރިއަސްކަމެއްގެ ގޮތުގައި މައްސަލަ ބަލަމުންދާކަމަށް ވިދާޅުވެ، ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން މަންޒަރު ފެންނަ ވީޑިޔޯ ސޯޝަލް މީޑިޔާގައި ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.