ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ، ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނުއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ކުޑަކުދިންގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޖިނާޢީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ކަމަށެވެ. ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ކަމަށް ބެލެވޭ ކުދިންގެ ތެރޭގައި މިހާރުވެސް 200 އެއްހާ ކުދިން ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި ގިނައީ 12 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންކަމަށާއި، ނަމަވެސް އެކުދިން ކުރާ ކުށަށް ޒިންމާ ނުކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ތަފާތުވާއިރު ރާއްޖޭގެ މުޖުތަމަޢަށް ބަލާއިރު 12 އަހަރަކީ ޒިންމާ ނަގަން ޖެހޭ އުމުރުކަމުގައި ކަނޑައަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް ފުލުހުންގެ ރެކޯޑުތަކުން އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ރެކޯޑުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާ ދެމެދުގެ އެތައް ކުދިންނެއް މިފަދަ މާހައުލުގައި އެޓްރިސްކުގައި އެބަތިބި. މިހާރު މިއޮތް ޤާނޫނުގައި މިބުނާ 15 އަހަރުގައި ޒިންމާ އަދާކުރަންޖެހޭ އުމުރަކަށް މިއިން ކުއްޖަކު ނުފެތޭ. އެހެންވީމަ މިވަގުތު މިކުދިން ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ކުށަށް ޒިންމާ ކުރެވޭނެ ގޮތަކަށް ނޫން ޤާނޫނު ބައްޓަން ކުރެވިފައިވަނީ،” ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވީ ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކޯޓުން އަމުރު ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ކުޑަކުއްޖަކު ޑިޓެންޝަން ސެންޓަރަކަށް ގެންދަންޖެހޭ ހާލަތްތަކުގައި ކޯޓުން އަމުރު ހޯދަން ޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވީ ނަމަވެސް ވަކި ކޯޓެއް ހާމަކޮށްފައިނުވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.