ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބެހުމަށް އިސްލާމީ މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދާއި މާދަމާ، އަމީނިއްޔާ ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ.
ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް:
މިއަދު: 11:00 – 16:00 އަދި 20:30 – 22:30
މާދަމާ: 11:00 – 15:30 އަދި 20:30 – 22:30
ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތީ 11 މާޗުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެ ގޮތުން ދިރާގު އެޕް، ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކޭނެ އިންތިޒާމުގެ އިތުރުން، ގޮވާމުން ވެސް ޒަކާތް ބަލައިގަނެފައިވެއެވެ.