ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން މިރޭ ބާއްވަން އުޅުނު ޖަލްސާ މާދަމާ ރެއަށް ފަސްކޮށް، އެޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕާޓީގެ ހުރިހާ ކަމެއް ނިންމަވާނީ ރައީސް ޔާމީން ކަމަށާއި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
މަލީހު އެހެން ވިދާޅުވިއިރު, ޖަލްސާގައި ބައިވަރިވެވަޑައިގެންނެވުމުގެ ހުއްދަ އަށް، ގޭ ބަންދުގައި ހުންނެވި ޔާމީނު ވަނީ އެދިވަޑައިގަންނަވާފައެވެ. ނަމަވެސް އެ ހުއްދަ ދެވެން ނެތް ކަމަށް ކަރެކްޝަނުން ވަނީ ނިންމާފައެވެ.
ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއަދު ވެސް އިއުލާނުކުރެއްވިނަމަވެސް, ކަރެކްޝަންސް ނިންމުން ބަދަލުކޮށްފައި ނުވެއެވެ.
ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ.
މިދިޔަ ސަރުކާރުގެ ފަހުކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. އެހެންވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ. ނަމަވެސް ޔާމީން ގެންދަަވަނީ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެހެންވެ ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.