ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އީދުގެ އުފަލުގައި ބައިވެރިވެ އީދުގެ އުފާ ފާޅުކުރަންޖެހޭ ކަމަށާއި އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް އެ މަނިކުފާނު ނިންމެވި އެއް ސަބަބަކީވެސް އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ފިތުރު އީދަށް ދިއްލުން ފައްޓަވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލި ނަމަވެސް އަޟްހާ އީދަށް އެއަށްވުރެ ގިނަ ރަށްރަށް ދިއްލާލަ ދެއްވާނެ ކަމުގައެވެ.
ރައީސް ވަނީ މި އުފާވެރިކަމާއެކު, އާއިލާތަކުން އީދުގެ އުފަލުގައި ބައިވެރިވެ އެންމެ ފުރިހަމަ ގޮތުގައި އީދު ފާހަގަކުރުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުންފުޅުވަނީ އެއް ރޫހެއްގައި އެއް ބައެއްގެ ގޮތުގައި އީދު ފާހަގަކުރަން ކަމަށެވެ.
މި އީދަކީ ރަށްރަށުގައި ވެސް އުފާވެރިކަމާއެކުގައި ނިކުމެ, ފަހުރުވެރިކަމާއެކު ފާހަގަކުރާ ދުވަހަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންނަކީ ދިވެހިން. ފަހުރުވެރި ދިވެހިން. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންނަކީ އެއް ބައެއް. އެއް ނަސްލަކަށް ނިސްބަތްވާ އެއް ބަހަކުން ވާހަކަ ދައްކާ, އެއް ދީނަކަށް ތަބާވާ އެއް ބައެއް. އެއްބައިވަންތަ އެއްބައެއްވަންތަ ބައެއް. އެހެންވީމާ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ގޮސްގެން ނުވާނެ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެފަދަ ހިޔާލުތަފާތުވުމެއް އަދި ހާލަތެއް ކުރިމަތިވީނަމަވެސް, މިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ދިވެއްސަކަށް ވީތީ ފަހުރުވެރިވެ, ދިވެހި ގައުމު ދެކެ ލޯބިވާ އިސްލާމްދީނަށް ނަސްރު ދޭ ބަޔަކަށް ވާން ވާނެ ކަމަށެވެ.
މިއީ ހުރިހާ ކުޑަކުދިންނަށް ވެސް މައިންބަފައިން ދަސްކޮށްދޭން ޖެހޭ ކަމަށާއި ގައުމު އާރާސްތު ކުރަން ޖެހެނީ މި އެއްބައިވަންތަކަމުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި އީދުގައި ހަމައެކަނި ވެރިކަން ކުރާ ރަށްތަކާއި ސިޓީތައް އެކަނި ދިއްލިނަމަވެސް, އިތުރު ރަށްތައް ވެސް ކުރިއަށް އޮތް ތަނުގައި މިގޮތަށް އީދު ދިއްލުންތައް ދިއްލާނެ ކަމަށާއި އެ ރިކުއެސްޓުތައް މިހާރު ވެސް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.