ސިޔާސީ ބޭފުޅުން ސިޔާސީ ގޮތުން ހިޔާލު ފާޅުކޮށްގެން ފުލުސް އޮފީހަށް ނުގެންދާނެ ކަމަށާއި ސިޔާސީ ބޭފުޅުން އެކަމާއި ކަންބޮޑު ވެގެން ވެސް ނޫޅޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށްދިޔަ މާފަންނު އުތުރު ދާއިރާގެ ކެނޑިޑޭޓް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ
މި ސަރުކާރުގައި ބަދަލު ހިފުމުގެ ރޫހު ނޯންނާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެންނަށް ވެސް މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ކަމަށެވެ. އިދިކޮޅުގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަންތައްތައް ވަމުންދަ ގޮތް ސާފުކޮށް ފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"ބޭރަށް އަޅުގަނޑުމެން ފޮނުވަން ބޭނުންވާ ސަފީރަކު އައްޔަން ކުރުމުގައި އެޖެންޑާ ވެސް ނުކުރެވި މަޝްވަރާ ވެސް ނުކުރެވި ދަތި ކުރަމުން ލަސްކުރަމުން މިދަނީ، މިދިޔަ ފަސް މަހުގައި ވެސް ފެނުނީ އެކަހަލަ ކަންކަން. ވަޒީރުންނަށް ރުހުން ދިނީކީއެއް ނޫން، މިހާރު ވެސް ތިން މިނިސްޓަރުން ވެސް ރުހުން ނުލިބި ތިބި ކަމަށް. މިހުރިހާ ކަމަކީ ސަރުކާރަށް އެއްބާރުލުން ނުދޭ އަދި އެހީތެރިނުވެދޭ މެމްބަރުން ހޮވުމުން ވާނެ ގޮތުގެ ހެކިތައް" ރައީސް ވިދާޅުވިއެވެ.
ރަށްރަށުގައި މަޝްރޫއުތައް ހިންގުމަށް ބަލާއިރު ފައިސާ ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަތަރު މަސް ތެރޭގައި ވެސް ފެނިފައިވަނީ މިދިޔަ ސަރުކާރުން ފައިސާ ނުދީގެން ހުއްޓިފައި ހުރި މަޝްރޫއުތަކަށް، މި ސަރުކާރުން ފައިސާ ދީގެން އެ މަޝްރޫއުތައް ފެށި މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ބޭނުންފުޅު ވަނީ ނަތީޖާ ނެރެން ކަމަށާއި އެ ވޯޓަކީ ތަރައްޤީގެ ފިކުރަށް ދެއްވާ ވޯޓަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.