އައްޑޫ ހުޅުމީދޫ އާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަޝްރޫއަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ރޭ ސޯލިހު ވިދާޅުވީ މި ސަރުކާރުން ވައުދުތަކެއް ވަމުންދާ ކަމަށާއި އެ ވައުދުތަކުގެ ތެރޭގައި އައްޑޫ ބުރިޖުގެ މަޝްރޫއުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އައްޑޫގައި ބުރިޖެއް ހެދުމުގެ ކުރިން ސަރުކާރުން ކުރަންވީ ކަމަކީ ބުރިޖު މަތިން މީހުން ދަތުރުކުރަންވީ ސަބަބެއް ދެއްކުން ކަމަށެވެ. އަދި ވިދާޅުވީ ބުރިޖުގެ މަޝްރޫއަށް ވުރެ ބޮޑަށް މުހިންމީ އައްޑޫގައި ވަޒީފާގެ ފުރުސަތުތަކެއް އުފައްދައި އިގުތިސޯދީ ގޮތުން ކުރިއެރުވުމުގެ މަސައްކަތް ކަމަށެވެ. އެމްޑީޕީން މިދިޔަ ފަސް އަހަރު ކުރިކަމަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީން ޕްލޭން ކޮށްފައި އޮތީ ބުރިޖު ހެދުމުގެ މަސައްކަތާ އެކު އިގުތިސޯދީ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެމްޑީޕީގެ އެ ޕްލޭން ކާމިޔާބުކުރުމަށް އައްޑޫގެ ދާއިރާގެ ގޮޑިތަކަށް އެމްޑީޕީގެ މެމްބަރުން އިންތިހާބުކޮށް، މަޖިލީހުގެ މެޖޯރިޓީ ހޯދުން މުހިންމު ކަމަށް ސޯލިހު ވިދާޅުވިއެވެ.