އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތްތައް ލަސްވާތީ އެކަން ހުށަހެޅުމުން އެމަނިކުފާނު މިނިވަން ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެންނެވިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިން ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓާ ހިސާބުން ހުއްޓިފައި އޮތުމުން އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވަނީ ރޭގައި ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެ ކަމަށާއި ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭނެ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ބާރަށު ދާއިރާ އަށް ވާދަ ކުރައްވާ ޝުޖާއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ "ހަރާމް" ހުކުމް މައްސަލައިގައި އަސްލަމްއާ ބައްދަލު ކުރެއްވި ކަމަށެވެ.
އޭރު އަސްލަމްގެ ޖަވާބަކަށްވީ ޖަލުގައި އޮންނަން ޖެހޭ ވާހަކަ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
"ތިބޭފުޅާ އާ ވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގައި. ދެއްވި ޖަވާބު ކަންފަތުގައި އެބަހުއްޓޭ ހަރުލާފައި. ތިބޭފުޅާ އެ ދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަން ޖެހޭނީ ޖަލުގައި ކަމަށް. ގެއަށް ބަދަލު ކުރެވޭނީ [ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް] އިބޫއަށް ދެވަނަ ދައުރެއް ލިބުނީމަ ކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދު ވެސް ތިބޭފުޅުންގެ އަތުގައި ބާރު އޮތީ." ޝުޖާއު ވިދާޅުވިއެވެ.