ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވައި، ރައްޔިތުންނަށް ވަޒީފާގެ ބިރު ނުދައްކާނެކަމަށް ވެރިކަން ކުރާ ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ޖަލްސާއެއްގައި އާންމުންގެ މީހަކު ދެއްކި ވާހަކައެއްގައި ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރަށް އެއްބާރުލުން ނުދީފި ނަމަ ކޮންޓްރޯލްކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. އެކަމަށް ފާޑުކިޔައި އެމްޑީޕީ ވެސް ބަޔާނެއް ނެރުނު އިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ އެ މައްސަލަ ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުމަށް އެދިފަ އެވެ.
ޕީޕީއެމް/ޕީއެންސީ މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. އަދި އެފަދަ ތުހުމަތެއްކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ފަތުރަމުން ދަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ބުންޏެވެ. އަދި ވަކި ފަރުދަކު ދައްކާ ވާހަކައެއް އެއީ، އެ ޕާޓީގެ ނުވަތަ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ކޮންގްރެސް ކޯލިޝަނުން ބުނެފައި ވަނީ ރަައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގަނީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިގެންކަމަށާއި އެމަނިކުފާނު އެންމެ އިސްކަން ދެނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ތަރައްގީ ގެނައުމަށް ކަމަށެވެ. ސަރުކާރު ހިންގުމުގައި އާއި ހިދުމަތް ދިނުމުގައި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ގާތުންކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ޕީޕީއެމް/ޕީއެންސީން ބުނެފައި ވަނީ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕެއިން ދަތުރުތަކުގެ ޖަލްސާތަކުގައި ވަޒީފާތަކުގެ އިސްކޮށް ތިބި މީހުން ވެސް ބައިވެރިވާކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި މިއީ ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން ވަކިކޮށް އެ ބިރު ދައްކާނެ ވެރިއެއް ހުރި ސަރުކާރެއް ނޫންކަމަށާއި އެއީ ޕީޕިއެމް/ޕީއެންސީގެ ސިޔާސަތުތަކާއި މުޅިން ހިލާފު ވިސްނުމެއްކަމަށް ބުނެފައި ވެއެވެ.