ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ނުނިމި ލަސްވާތީ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ނިންމައިފި އެވެ.
ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންނަށް ރޭ އައްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވެފައިވަނީ ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް، ހަތަރު މަސް ވީ އިރުވެސް، އެ މައްސަލައިގައި ހުކުމް ނީއްވައި ލަސްކުރަމުންދާތީ ދޭހަ ވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވެފައިވަނީ ޔާމީން ޝަރީއަތް ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވެފައިވަނީ ވަކި ސަރުކާރަކަށް ވުމުން، ވަކި ބަޔަކު އިންސާފުން އެއްކިބާވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށާއި ހާއްސަކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމް ކޮންމެ ސަރަކާރަކުން ވެސް ދޭން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ޝަރީއަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތުމުން ކަމަށް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.