ވެރިރަށް މާލޭގެ މަގުތަކުން ފެން ހިނދެންދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިއަދު މެންދުރު ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ މަގުތައް މަތީގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ. ފެން ހިންދުމުގައި އެމްއެންޑީއެފުން ދަނީ މަސައްކަތް ކުރަމުންނެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ޒަރޫރީ ބޭނުމުގައި ނޫނީ ދަތުރު ނުކުރުމުގެ އިތުރަށް މަގުތަކުގެ ހާލަތު ހަމައަކަށް އެޅެންދެން ކުނި ނެރުމަށާއި، ބަރު އުޅަނދު އަދި ހަތަރު ފުރޮޅު ލީ އުޅަނދު ދުއްވުން އިހަށް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކުރިއެވެ.
ފެންބޮޑުވުމުގެ ސަބަބުން މަގުތައް މަތިން ފެން ހިންދުމަށް ފުލުުންނާއި ސިފައިންގެ އިތުރުން މާލެ ސިޓީ ކައުންސިލުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.