ފ.މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެރަށުގެ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ރައީސާއި އެރަށު ކައުންސިލުން ހިއްސާކޮށްފިއެވެ.
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ރައީސް މުޢިއްޒުއާއި ހިއްސާ ކޮށްފައިވަނީ ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގެއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެކަންކަމުގެ އިތުރުންވެސް ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ހިންގަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ފ. މަގުދޫ އެއަރޕޯޓު މަޝްރޫޢު ހުއްޓިފައިވާތީ އެރަށުގެ ރައްޔިތުންވަނީ މުޒާހަރާވެސް ކޮށްފައެވެ. މަގޫދޫ ރައްޔިތުން ތުހުމަތު ކޮށްފައިވަނީ އެރަށުގެ އެއަރޕޯޓު މަޝްރޫޢު ހުއްޓުވީ ކައިރީގައި އޮތް ނިލަންދޫ ދާއިރާގެ އެއަރޕޯޓު މަޝްރޫޢު ފެށުމަކަށް ކަމަށެވެ.