ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ހުކުމް ހައިކޯޓުން ބާތިލް ކޮށްފި އެވެ.
މި މައްސަލައިގައި ފަނޑިޔާރުން ގާނޫނު އެކި ގޮތްގޮތަށް މާނަ ކުރުމުގެ ސަބަބުން ރައީސް ޔާމީނަށް ދިފާއުވުމަށް ލިބިގެންވާ ހައްގު ގެއްލިގެން ގޮސްފައިވާކަމަށް ހުކުމުގައި ވެއެވެ.
ހައި ކޯޓުގައި ކުރިޔަށް ދިޔަ ދިޔަ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމާފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ.
ދެ ގަޒިއްޔާ ވެސް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ. އެއީ،
- ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އިއްވި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް
- ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް
އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް މިހާރު ވަނީ މިނިވަންކޮށްފައެވެ. އެކަމަކު، ޔާމީންގެ އެއް މައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ. އެ މައްސަލައިގައި ހުކުމް އިއްވަން ތާވަލުކޮށްފައިވަނީ މިރޭ 6:45 ގައެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މައްސަލަ ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ ފާހަގަކުރައްވައިފައެވެ.
އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.