މިއަދު މަޖިލީހުގެ މެޖޯރިޓީ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް އޮތުމުން ފެންނަމުންދާ މަންޒަރަކީ ” ވާދަމާ” މަންޒަރު ކަމަށާއި އެ ވާދަމަނީ މަޖިލީހާއި ސަރުކާރުން ކަމަށާއި އަދި ވަލުގެ މެދުގައި ތިބީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ދިވެހީންގެ ރާއްޖެ މަޖިލީހަށް” ޕީޕީއެމް، ޕީއެންސީން ކުރަމުން ގެންދާ ކެމްޕެއިންގެ ތެރެއިން ފުވައްމަލު ސިޓީ އަށް ވަޑައިގެން އެ ސިޓީގެ ތިން ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި ދެކޮޅަށް ހަމަނުޖެހުން އުފައްދާ ތަނަކަށްވެ، ގައުމު އެއްކޮށް ހުއްޓުވުމަކަށް ގެންނަ ތަނަކަށް ވެގެން ނުވާނެކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރާ މެމްބަރުންނަކީ އެފަދަ ވިސްނުމުގެ ބަޔަކަށްވެގެން ގޮސްފިނަމަ، ކަންކަން ވެގެންދާނެ ގޮތް ހުރިހާ ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ސަރުކާރު ބަދަލުކުރަން، ބަޣާވާތްކުރަން، އަޒުލުކުރަން،” މިފަދަ ލަފްޒުތައް މިހާރު ބޭނުން ކުރަމުން ދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއީ ޑިމޮކުރެސީގެ ހަމައެއް ނޫންކަމަށެވެ. އަދި މި ހަމަ ނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ގައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭނުންވަނީ ކުރާ ކަންކަމުގައާއި ދައްކާ ހުރިހާ ވާހަކައެއްގައިވެސް އިޚްލާސްތެރިކަން ދެއްކުން ކަމުގައެވެ. އަދި ޚިޔާލު ތަފާތުވުންތަކާއި ހިންހަމަ ނުޖެހުންތައް އެއްކައިރިކޮށް ސަރުކާރަށް މަޖިލިސް ހޯއްދަވާ ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.