މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އަށް 2018 ވަނަ އަހަރު ވެރިކަން ލިބުމުން ކަން ކުރީ އެއްބަސްވެވުނު ސިޔާސަތުތަކާ ދެކޮޅަށްކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަސައްކަތްޕުޅާ ދުރުގައި ހުންނެވުމަށްފަހު މިއަދު އެ މަނިކުފާނު ރާއްޖެ ވަޑައިގެން، މިރޭ ރާޅުގަނޑުގައި އޮތް ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ނަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދަޢުރު ނިންމާލީވެސް ވަޢުދުވި ކަންކަމާ ޚިލާފުވެގެންކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުންފަދަ މުހިންމު ބަދަލުތަކެއް 2008ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަންފެށިކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބިކަމަށާއި ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭބުނެ ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއްކަމަށް ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ރައްޔޮތުންނަށް ދިން ގެދޮރުވެރިކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. ނަރުދަމާ ވިއުގަ މަތިން ގޯތި ދޫކުރީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ. ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމު ރަނގަޅު ގޮތުގައި ހިންގައި، އެ ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން މާ ރަނގަޅަށް ހަމަޖެއްސުނީސް ކަމަށާއި ސަރުކާރުގެ ސިޔާސަތެއް ނެތުނީމާ އެންމެ ފަހު ވަގުތުގައި އެތައް ކަމެއް ނުރަނގަޅު އެތައް މަގަކުން ގޮސް އަދިވެސް މީހަކަށް ގެއަކަށް ނުވަދެވޭ ކަމަށެވެ. އަދި މިފަހަރު މަޖިލިސް ކޮންޓްރޯލުކުރައްވަން އެއްވެސް ބޭފުޅަކު އުޅުއްވައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ މިއަދު އުފެއްދުންތެރިކަން ދަށްވެ، ދިވެހީންގެ ކަންކަމަށް ހޭދަކުރަން ހުރި ފައިސާ މަދުވެއްޖެކަމަށް ވިދާޅުވިއެވެ. އެ ކަންކަމަށް އޮތް ހައްލަކީ ޑިމޮކްރެޓުން މަޖިލީހަށް އިންތިޚާބުކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.